MTCC

ޑޮލަރުގެ ވަގުވިޔަފާރިކުރާ 22 ތަނެއް ބަލައި ފާސްކޮށް 27 މީހުން ހައްޔަރުކޮށްފި

images

ޑޮލަރުގެ ވަގުވިޔަފާރިކުރާ 22 ތަނެއް ބަލައި ފާސްކޮށް 27 މީހުން ހައްޔަރުކޮށްފި

SHARE

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ޤާއިމުކުރި ޚާއްސަ ހޮޓްލައިން މެދުވެރިކޮށް، ގިނަ އަދަދެއްގެ މީހުންނާއި ތަންތަނުގެ މައުލޫމާތު ލިބި، އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ހޮޓްލައިނަށް މިހާތަނަށް ޖުމްލަ 65 މެސެޖެއް ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ބޭރުފައިސާގެ ވިޔަފާރިކުރާ 27 ބިދޭސީއަކާއި، އެއްވެސް ހުއްދައެއް ނެތި ފައިސާ މާރުކުރުމުގެ ޚިދުމަތްދޭ 18 ތަނެއްގެ އިތުރުން، ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ 4 ތަނެއްގެ މަޢުލޫމާތު ހިމެނެއެވެ. އަދި އޮންލައިންކޮށް މިފަދަ ޣައިރު ޤާނޫނީ މުއާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ މައުލޫމާތުވެސް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި މައްސަލަތަކާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކުގެ ތަފްސީލު ދެއްވަމުން އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ރިޕޯޓުކުރެވުނު މީހުންގެ ތެރެއިން އެއް ބިދޭސީއަކު މިހާރު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހުށަހެޅިފައިވާ އެހެނިހެން މައުލޫމާތުތައް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ތަހުޤީޤުކޮށް، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން، ޢާންމު މަސްލަޙަތު ހިމެނޭ މި މުހިންމު ކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށްޓަކައި ބޭރުފައިސާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނެސް، ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ މިފަދަ ވިޔަފާރިތަކުގައި އުޅޭ ބިދޭސީން ހޯދުމަށް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތައް ހިންގަމުންނެވެ.

މި އޮޕަރޭޝަންގެ ދަށުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދައަކާ ނުލައި ފުޅާ ދާއިރާއެއްގައި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން، މި މަހުގެ 1 ވަނަ ދުވަހު ފުލުހުން ވަނީ "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ގެ އޮފީސް ރެއިޑްކޮށް ބަލައިފާސްކޮށްފައެވެ. މި ކުންފުންޏަކީ ރ. އަތޮޅުގައި ހިންގާ ފުރަވެރި މޯލްޑިވްސް ރިސޯޓުގެ އިތުރުން، ނިޔާޒް ސްޓޯރާއި، ޕޭޖް ހާޑްވެއާ އަދި ނައިޑްގެ ނަމުގައި ރާއްޖޭގައި ގިނަ ފިހާރަތަކެއް ހިންގަމުން އަންނަ ވިޔަފާރި ކުންފުންޏެކެވެ.