މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް މ. ލާލުބާޣު، އަހުމަދު ޝަހީރު އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނައުމުގެ ތެރެއިން އެމްޓީޑީސީގެ އިސް ވެރިޔެއްގެ ގޮތުގައި ޝަހީރު ހަމަޖައްސަވާފައިވާ ކަމަށެވެ.
މި މަގާމަށް އައްޔަންކުރެއްވި ޝަހީރަކީ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އެންމެ ފަހުން އޭނާ ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުގައެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަންވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
ޝަހީރު ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 29 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. އެ މުއްދަތުގައި އެ ކުންފުނީގެ ޕްރޮކިއުމެންޓް ހެޑްގެ މަގާމު އަދާކުރެއްވުމުގެ އިތުރުން، 2015 އިން 2018 އަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.