MTCC

ރާއްޖޭގައި ހާފިޒުންގެ އަދަދު 322 އަށް އަރައިފި

HRn4y38akAACklB

ރާއްޖޭގައި ހާފިޒުންގެ އަދަދު 322 އަށް އަރައިފި

SHARE

މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ރާއްޖޭގައި ތިބި ޙާފިޡުންގެ އަދަދު 500 އަށް އެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މިހާތަނަށް ރާއްޖޭގައި ތިބި ޙާފިޒުންގެ އަދަދު 322 އަށް އަރާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ޙާފިޒުންގެ އަދަދު އިތުރުވަމުން ދިއުމަކީ ނުހަނު ބޮޑު އުފަލެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ޒުވާނުން ޤުރްއާން ހިތުދަސްކުރަމުން ދިއުމަކީ ރާއްޖޭގެ އިސްލާމީ މުސްތަޤްބަލު އުޖާލާކޮށްދޭނެ ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އިތުރު ގިނަ ޢަދަދެއްގެ ޙާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ވަގުތާ ހަމައަށް ރާއްޖޭގެ ހާފިޒުންގެ އަދަދު 322 އަށް އަރައިފި. އަންނަ ރޯދަ މަހު، މާތް ﷲ އިރާދަކުރެެއްވިއްޔާ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ،". ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ޙާފިޒުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައެވެ. އެގޮތުން ޙާފިޒުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ދައުލަތުން ދޭ ޚާއްސަ އިނާޔަތް މިހާރު ވަނީ ބޮޑުކުރައްވާފައެވެ. އަދި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށް ވުރެ ގިނަ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރަމުންދާއިރު، މީގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުން ދަނީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒާއި ޢިލްމު އިންސްޓިޓިއުޓްގައެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ޤުރްއާނުގެ ޢިލްމު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، މިހާތަނަށް 30 ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް ޢަމަލީ ގޮތުން ޚިދުމަތް ދޭން ފަށާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި އިތުރު 20 ތަނެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތާއި، އިތުރު 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި މަޝްރޫއު ފުޅާކުރުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށްރަށުގައި ޤާއިމުކުރެވޭ މިފަދަ މަރުކަޒުތަކުގައި ޤުރްއާން ކިޔަވައިދިނުމުގެ މަސްއޫލިއްޔަތު އެ ރަށްރަށުގެ މިސްކިތްތަކުގެ އިމާމުންގެ ވަޒީފާގެ ބަޔާނަށް އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.