ރާއްޖޭގެ ވިޔަފާރިއާއި އިގްތިސާދީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި، ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، 2026 އިން 2031 ގެ ނިޔަލަށް 5 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް މިނިސްޓަރ އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރު ހަސަން ޒަމީރެވެ. އަދި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ އިންޖިނިއަރު އަދީބު ޔޫސުފް އަލް-އާމާއެވެ.
މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ އެތެރެކުރުމަށާއި، ރާއްޖެއިން ބޭރުކުރާ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމެވެ. މި ފެސިލިޓީގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށްވެސް ފުރުޞަތުތައް ފަހިވެގެންދާނެއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތަކުގެ ވާދަވެރިކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީނުތައްވެސް މި ފްރޭމްވޯކްގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހަސަން ޒަމީރު ވިދާޅުވީ، ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އަމާޒުވެފައި އޮތް މި އެހީތެރިކަން، މިއަދު ކާބޯތަކެއްޗާއި، ސިއްޙީ ސާމާނު އަދި މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ފުޅާވެފައިވާ ކަމަށެވެ. ވަކިން ޚާއްޞަކޮށް، 2017 ވަނަ އަހަރުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ލިބެމުންދާ އެހީގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ބޮޑު ބާރަކަށް ވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އައިޓީއެފްސީގެ ސީއީއޯ އިންޖިނިއަރު އަދީބު އަލް-އާމާ ފާހަގަކުރެއްވި ގޮތުގައި މިއީ ދެފަރާތުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ ހެއްކެކެވެ. މިއީ 2019 އިން 2024 އަށް އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން ސޮއިކުރެވުނު އައު އެއްބަސްވުމެކެވެ. ކުރީގެ އެއްބަސްވުމުގައި 1.5 ބިލިއަން ޑޮލަރު ކަނޑައެޅި ނަމަވެސް، ޖުމްލަ 1.7 ބިލިއަން ޑޮލަރު ރާއްޖެއިން ވަނީ ބޭނުންކޮށްފައެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިޓީއެފްސީން ރާއްޖެއަށް 3.3 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އައިޓީއެފްސީގެ ސީއީއޯ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ފައިނޭންސް މިނިސްޓަރުގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރާ ބައްދަލުކުރައްވައި އިޤްތިސާދީ ދާއިރާއިން މަޝްވަރާ ކުރައްވާފައެވެ. އަދި އެސްޓީއޯގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ކުންފުނީގެ ބައެއް ވަސީލަތްތައްވެސް ވަނީ ބައްލަވާލައްވާފައެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގްރޫޕަށް ނިސްބަތްވާ އައިޓީއެފްސީއަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް 2008 ވަނަ އަހަރު އުފެއްދި މުއައްސަސާއެކެވެ. އެ އިދާރާއިން މިހާތަނަށް އޯއައިސީގެ މެންބަރު ޤައުމުތަކަށް 100 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.