MTCC

ރައްޔިތުންނަށް ޑޮލަރު އާމްދަނީ ދޭ ރިސޯޓުތަކުގެ ބައެއް މަޝްރޫއުތައް ނޮވެންބަރުގައި ފަށަނީ

793517460_28073037085724278_5836236145281120352_n

ރައްޔިތުންނަށް ޑޮލަރު އާމްދަނީ ދޭ ރިސޯޓުތަކުގެ ބައެއް މަޝްރޫއުތައް ނޮވެންބަރުގައި ފަށަނީ

SHARE

ދިވެހި ކޮންމެ ރައްޔިތަކަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާގެ މަންފާ ސީދާ ގޮތެއްގައި ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ތަރައްގީކުރާ 10 ރިސޯޓުގެ އަމަލީ މަސައްކަތްތައް އަންނަ ނޮވެންބަރު މަހު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު އިއުލާނުކުރެއްވި މި މަޝްރޫއުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި އެއީ ހަމައެކަނި ވިދާޅުވި ވާހަކަފުޅެއް ނޫން ކަމަށާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް އެކަން އަމަލީ ގޮތުން ތަންފީޒުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި އަލަށް ތަރައްގީކުރާ 10 ރިސޯޓަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ދިވެހި ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޑޮލަރުން ޖަމާކޮށް ދިނުމަށް ރައީސް އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގައެވެ. ރައީސް ވިދާޅުވި ގޮތުގައި، 10 ރިސޯޓު ތަރައްގީކުރުމަށްޓަކައި މާލެ އަތޮޅާއި ރާއްޖޭގެ އެކި ސަރަހައްދުތަކުން ބޭނުންވާ ފަޅުތަކާއި ރަށްތައް ކަނޑައެޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ އެވެ.

"އުންމީދަކީ އިރާދަކުރެއްވިއްޔާ ނޮވެންބަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މީގެ ބައެއް މަޝްރޫއުތައް ފެށިގެންދާނެ. އަޅުގަނޑު އިއުލާނުކުރިން 38 މަސް ތެރޭ، ތިން އަހަރު ތެރޭ މިއިން ބައެއް ރިސޯޓުތައް އޮޕަރޭޝަނަށް ގެނެވިގެންދިއުން." ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު އޭރު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފައިދާ މުޅި ރާއްޖެއަށް ހޯދައި ދިނުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށެވެ. އެގޮތުން މިހާތަނަށް ފަތުރުވެރިކަން އެދެވޭ ގޮތެއްގައި ތަރައްގީވެފައި ނުވާ ހަ އަތޮޅުގައި ހަލާލް ޓޫރިޒަމް ހިމެނޭހެން ފަތުރުވެރިކަން ފުޅާ ކުރުމަށް ހާއްސަ އިނާޔަތްތަކާއެކުގައި އިންވެސްޓްމަންޓުތަކަށް ހުޅުވާލެވިފައިވާ ކަމަށް އެމަނިކުފާނު ވަނީ މީގެކުރިން އިއުލާންކުރައްވާފަ އެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދިވެހި ކޮންމެ ރައްޔިތަކީވެސް ރިސޯޓެއްގެ ހިއްސާދާރަކަށް ހަދައި، އެ ރިސޯޓުތަކުން ލިބޭ ޑޮލަރުގެ އާމްދަނީން ކޮންމެ އަހަރަކު ވެސް ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް ސީދާ ފައިސާ ޖަމާވާނެ ނިޒާމެއް ގާއިމުކުރުމެވެ. މި އިންގިލާބީ ބަދަލާއެކު، ރާއްޖޭގެ އިގުތިސާދީ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ނަފާ ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެ އެވެ.