ވެރިރަށް މާލެއާއި އަދި އަވަށްޓެރި ސަރަހައްދުތަކުގެ މަގުމަތީގައި ބުޅާތައް ގިނަވެ، އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ އަދި ޒަމާނީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބުޅާތައް ރައްކާތެރިކަމާއެކު ބަލަހައްޓާނެ ހާއްސަ ރަށެއް (ކެޓް އައިލެންޑް) ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާކަން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް ހާމަކުރެއްވި ގޮތުގައި، މިއީ ބޮޑު އިންވެސްޓްމަންޓެއް އެކުލެވޭ މަޝްރޫއަކަށް ވާތީ، މި މަސައްކަތް ކުރުމަށް ބޭރުގެ ކުންފުނިތައް ހިމެނޭހެން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ. އަދި މިހާރު ކުރިއަށްދަނީ އެ ލިޔެކިޔުންތައް އިވެލުއޭޓްކުރުމުގެ މަރުހަލާ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ ފެންވަރުގެ ޒަމާނީ ވަސީލަތްތަކާއެކު މިފަދަ ރަށެއް ރާއްޖޭގައި ގާއިމުކުރެވިއްޖެނަމަ، މިއީ ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށާއި ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ލިބިގެންދާނެ ކަމެކެވެ.
"ދުނިޔޭގައި އެބައޮތް ވަރަށް ބޮޑު ކޮމިއުނިޓީއެއް، ރާއްޖޭ ފަދަ ޤައުމެއްގައި މި ފަދަ އައިލެންޑެއް ޒަމާނީ ފެސިލިޓީތަކާއެކު ހިންގިއްޖެނަމަ މިއީ އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް ވެސް ވަރަށް ބޮޑު ޝައުގުވެރިކަމަކަށް ވާނެ". ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ގައި ގާއިމުކޮށްފައިވާ "އޮޅުހިޔާ" މަރުކަޒުގެ ޖާގަ 500 ބުޅަލަށް އިތުރުކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މި ވަގުތު 280 ބުޅާ ބަލަހައްޓަމުން އަންނަ މި މަރުކަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ނޮވެންބަރު 2024 ގައި ހުޅުވި ތަނެކެވެ. އެތަނުގައި ބުޅާތަކަށް ފަރުވާދޭނެ ކްލިނިކާއި، ލެބޯޓްރީ، ފާމަސީ އަދި ކަރަންޓީނު ފެސިލިޓީ ފަދަ ހިދުމަތްތައް ގާއިމުކޮށްފައިވެއެވެ.