މާލެ ޓެކްސީ ލައިންގެ ޚިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ބޭރުން ބަޔަކު ހެކްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށާއި، ސިސްޓަމްގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް ސްކްރީންޝޮޓްތައް ލީކުކޮށްލީ ކުންފުނީގެ މުވައްޒަފަކު ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، އޭގެ ސްކްރީންޝޮޓްތައް ނަގައި ލީކުކޮށްފައިވަނީ ކުންފުނީގެ އެތެރޭގެ މުވައްޒަފެއްކަން އެނގުނީ ކުރިއަށްގެންދިޔަ އެތެރޭގެ ތަހުގީގުންނެވެ. އަދި އެ މުވައްޒަފު މި އަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ޑޭޓާބޭސް ސިސްޓަމަށް ބަދަލުތަކެއް ގެނައިކަން ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަވުމާއެކު، ވަގުތުން އެކަން އޮޕަރޭޝަންސް ޓީމުގެ ސަމާލުކަމަށް ގެނެސް، ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ވަނީ ގެނެސްފައެވެ. އަދި ރޭގެ 11:30 ހާއިރު ކުންފުނީގެ ސާވަރ އަދި ބެކްއެންޑް ސިސްޓަމް ރައްކާތެރިކަމާއެކު ރީސްޓޯރކޮށް، އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މިއީ ބޭރުގެ އެއްވެސް ފަރާތަކުން އެޕްލިކޭޝަންގެ ފަޔަރވޯލްއަށް ހަމަލާއެއް ދީގެން ހިންގާފައިވާ ހެކްކުރުމުގެ އަމަލެއް ނޫން ކަމަށާއި، މިހާރު ކަސްޓަމަރުންނަށް މާލެ ޓެކްސީ ލައިންގެ ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
މި ނޭދެވޭ އަމަލު ހިންގި މުވައްޒަފު މިހާރު ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށާއި، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެ މުވައްޒަފާ މެދު އަޅާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މިފަދަ ކަންކަމުގެ އަސްލު މަގުސަދަކީ ކުންފުނިން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ އިތުބާރާއި ރީތި ނަން ކިލަނބުކޮށްލުން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި ފެށި މި ޓެކްސީގެ ޚިދުމަތަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ޝުކުރު އަދާކުރަމުން އެމްޓީސީސީން ބުނީ، އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެންމެ ބޮޑު ދަތުރުފަތުރުގެ ކުންފުނީގެ ހައިސިއްޔަތުން، ކަނޑައެޅިފައިވާ އަގުތަކުގައި ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކުރުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.