ކ. ވިލިނގިލީގައި ޑިންގީ ޖެޓީއެއް ތަރައްޤީކުރުމާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު ދެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ހަމީދެވެ.
ވިލިނގިލީގެ ޑިންގީ ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫޢަކީ ޖުމްލަ 14.91 މިލިއަން ރުފިޔާއަށް 150 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، 3,698 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 3 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 74 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ އިތުރުން 24 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި 74 މީޓަރު ދިގު، ފުޅާ ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، ވިލިނގިލީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 45.66 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 1.09 ހެކްޓަރުގެ ބިން ހިއްކުމާއި، 150 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 181 މީޓަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 6,755 މީހުންގެ އާބާދީއެއް ދިރިއުޅޭ ހިތްގައިމު ކ. ވިލިނގިލީގެ ގޮނޑުދޮށް ހިމާޔަތް ކުރެވުމާއެކު، އެ ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ ނުރައްކަލަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަދި ޑިންގީ ޖެޓީގެ މަސައްކަތް ނިމުމުން އެކި ބޭނުންތަކުގައި އެ ރަށަށް ދަތުރުކުރާ ފަރާތްތަކަށާއި އޮޑިވެރިންނަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.