MTCC

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތަށް ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި

466344-598d2642-e-876x584

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތަށް ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި

SHARE

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު އަދި ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު، ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު، މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުން ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރޭގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި، ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސްގެ ޕްރިންސިޕަލް ސެކްރެޓެރީ މުހައްމަދު ނަސީރެވެ.

ޕްރިންސް ޑރ. މަންސޫރުގެ ޝަރަފުގައި އެއަޕޯޓުން ވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފަރާތުން ޝަރަފުގެ ގާޑެއް އަރުވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރިންސް ޑރ. މަންސޫރުގެ ޝަރަފުގައި ރައީސް އޮފީހުގައި ހާއްސަ ފަރިއްކޮޅެއް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުމާއި ފަރިއްކޮޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ ރަސްކަމުގެ އާއިލާގެ މަތީ ފަންތީގެ ބޭފުޅަކު ވަޑައިގަތުމަކީ، ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ބަދަހި އަދި އުޚުއްވަތްތެރި ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.