MTCC

އަމީނީމަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

big_8X6DGq4o3ihCgeWySe6gZQ0ip

އަމީނީމަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

SHARE

މާލޭގެ އަމީނީމަގާއި، އިއްޒުއްދީން މަގު އަދި ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މާލޭގެ މަގުތައް މަރާމާތުކުރުމުގެ މި މަޝްރޫޢުގެ ދަށުން އެމްޓީސީސީގެ ޓީމުން މިއަދު ވަނީ އަމީނީމަގުގެ ސެޓިންގް އައުޓް މަސައްކަތްތައް ފަށާފައެވެ. އަދި އަމަލީ މަސައްކަތް ފެށުމުގެ ކުރިން މަޝްރޫޢާ ގުޅުންހުރި މުއައްސަސާތަކާ އެކު މުހިންމު މަޝްވަރާ ބައްދަލުވުންތަކެއް ވެސް އެ ކުންފުނިން ވަނީ ބާއްވާފައެވެ.

އަމީނީމަގު އަލުން މަރާމާތުކުރަން ޖެހުނީ، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެ މަގުގެ މަސައްކަތް ނިންމާ ހުޅުވާލި ނަމަވެސް، މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންތައް އުފެދުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން މަގު ބޭނުންކުރާ ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވެއެވެ. ޓެކްނިކަލް މާހިރުން ފާހަގަކުރާ ގޮތުގައި މި މައްސަލަ ދިމާވީ ތާރު އެޅުމަށްފަހު، އެ އެއްޗެހި ރަނގަޅަށް ހިކުމަށް ބޭނުންވާ ވަގުތު ނުދީ މަގު ހުޅުވާލުމުގެ ސަބަބުންނެވެ.

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދިޔަ، އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯ މީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.

ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ، އަމީނީ މަގުގެ މަސައްކަތް ކުރުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޖެނަރަލް މެނޭޖަރު އިބްރާހީމް ހަސަން ވިދާޅުވީ، ސަރުކާރުން މިހާރު ވަނީ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ތައްޔާރީތަކަށްފަހު، އަންނަ ހަފުތާގެ ތެރޭގައި މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، އަމީނީމަގުގެ އިތުރުން މާލޭގެ އެހެން ބޮޑެތި މަގުތައް ވެސް ރަނގަޅު ފެންވަރަކަށް ތަރައްގީކުރެވިގެންދާނެއެވެ.