MTCC

ރާއްޖެ-އިންޑިއާ އެފްޓީއޭގައި މި އަހަރު ނިމުމުގެ ކުރިން ސޮއިކުރަނީ

large_178401194913ExuU

ރާއްޖެ-އިންޑިއާ އެފްޓީއޭގައި މި އަހަރު ނިމުމުގެ ކުރިން ސޮއިކުރަނީ

SHARE

ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް ތައްޔާރުވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގައި މިއަހަރު ނިމުމުގެ ކުރިން ސޮއިކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، މި އެއްބަސްވުމާ ގުޅޭ ފަންނީ ފުރަތަމަ މަޝްވަރާތައް މިހާރު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. މި މަޝްވަރާތަކުގެ ތެރޭގައި 12 ދާއިރާއަކުން ސަރުކާރުގެ 102 ފަރާތަކާއި އަމިއްލަ 66 ފަރާތަކާ ބައްދަލުކޮށް، މުހިންމު ކަންތައްތަކެއް ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން މުދަލާއި ހިދުމަތް ބަދަލުކުރުމާއި، ވިޔަފާރީގެ ފަންނީ ހުރަސްތައް ނައްތާލުމުގެ އިތުރުން އިގްތިސާދީ އެހެނިހެން ދާއިރާތަކުން ދެ ގައުމުގެ ގުޅުން ވަރުގަދަވެގެންދާނެއެވެ.

"އޭގެ ތެރޭގައި 12 ދާއިރާއަކުން 102 ފަރަތާއި 66 ޕްރައިވެޓް ފަރާތަކާއި މަޝްވަރާކުރެވިގެން ދިޔަ. ހިދުމަތާއި ގުޓްސްއާ ޓެކްނިކަން ބެރިޔާތަކާއި އިކޮނޮމިކް ކޯޕަރޭޝަންގެ ދާއިރާއިން މަސައްކަތްތައް ކުރަމުން މި ދަނީ." ސައީދު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ މުހިންމު ފައިދާތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ:

  • ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކާއި މަސްވެރިކަމުގެ ބާވަތްތަކަށް އިންޑިއާގެ ބޮޑު މާކެޓުން ހާއްސަ ފުރުސަތުތަކެއް ލިބޭނެއެވެ.
  • ޑިޖިޓަލް ހިދުމަތްތަކާއި މެރިޓައިމް އިންޑަސްޓްރީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
  • ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާއަށް އިންޑިއާގެ އިންވެސްޓަރުން އިންވެސްޓްކުރުމަށް މަގުފަހިވާނެއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ބޭރުގެ މާކެޓްތަކަށް ދިވެހި އުފެއްދުންތައް ފޮނުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއްކަމަށްވެސް ވަޒީރު ސައީދު ވިދާޅުވިއެވެ. އިންޑިއާއާއެކު މިފަދަ އެއްބަސްވުމެއް ގާއިމުކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އިގްތިސާދީ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސްދޭނެ ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.