މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މިއަދު ހުޅުވާލުމަށް ޚާއްސަ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އޮންނާނެއެވެ. މިއަހަރުވެސް މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ގިންތިއަކުންނެވެ.
މި އިނާމަށް ނަން ހުށަހެޅުމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށްދާނީ ޑިޖިޓަލްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށެވެ. މިއީ އިނާމަށް އެދި ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ހަމަޖައްސާފައިވާ އިންތިޒާމެކެވެ.
ޚާއްސަ އިނާމާބެހޭ ކޮމިޓީން ވަނީ ފޯމު ހުށަހަޅާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން، ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކަކީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުންތަކަށް ވާންޖެހޭނެއެވެ. މި ތައްގަނޑު ޖަހަންވާނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ވަކިން ޚާއްޞަކޮށް، ލިޔުމެއްގެ ދެފުށުގައި މަޢުލޫމާތު ހުރިނަމަ، ދެފުށުގައިވެސް ތައްގަނޑު ޖަހަންޖެހޭނެ ކަމަށް ކޮމިޓީން އިރުޝާދު ދެއްވައެވެ.
މި އިނާމަކީ އެކި ދާއިރާތަކުން މަތީ ފާސްތައް ހޯދާ ފަރާތްތަކާއި، ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯދާ ދިވެހިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދައުލަތުން ދެމުންގެންދާ ވަރަށް ޝަރަފުވެރި އިނާމެކެވެ. ރައީސް މުއިއްޒުގެ ސަރުކާރުންވެސް އަމާޒު ހިފާފައިވަނީ ޢިލްމީ އަދި ފަންނީ ގޮތުން ކުރިއަރާފައިވާ ޤާބިލު ޖީލެއް ބިނާކުރުމަށެވެ.