MTCC

2028 ވަނަ އަހަރުގެ މެދަށްދާއިރު ހައުސިން މަޝްރޫއުތަކުގެ ބޮޑުބައެއް ނިމޭނެ: ރައީސް

HL-AglvbIAAjH1W

2028 ވަނަ އަހަރުގެ މެދަށްދާއިރު ހައުސިން މަޝްރޫއުތަކުގެ ބޮޑުބައެއް ނިމޭނެ: ރައީސް

SHARE

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ހައުސިންގ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ ބޮޑު އިންސައްތައެއް 2028 ވަނަ އަހަރުގެ މެދާ ހިސާބަށްދާއިރު ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ހިނގަމުންދާ ކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެ ހުރިހާ މަޝްރޫޢުތަކެއް ނިންމައި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މީގެ ކުރިން އެއްވެސް ސަރުކާރަކަށް އެ ސަރުކާރެއްގެ ދައުރުގެ ތެރޭގައި ހައުސިންގ މަޝްރޫޢެއް ފަށައި ނިންމާލެވިފައެއް ނުވެއެވެ. ނަމަވެސް، މި ސަރުކާރުން އެ އާދަ ބަދަލުކޮށް، ބައެއް ރަށްރަށުގައި ކުރިއަށްދާ މަޝްރޫޢުތައް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އަހަރުގެ ތެރޭގައި ވެސް އަމަލީ މަސައްކަތްތަކުން ބޮޑެތި ކުރިއެރުންތަކެއް ފެންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"އެކި ޤައުމުތަކާއި އެކު އޮންނަ ގުޅުމުގެ ތެރެއިން، މިސާލަކަށް އިންޑިއާ އަދި ޗައިނާ ސަރުކާރު، މި ގުޅުމުގެ ތެރެއިން މަސައްކަތް ކުރަނީ އިތުރު މަޝްރޫޢުތައް ފެށުމަށް. އަމަލީ ގޮތުން ފްލެޓް އެޅުމުގައި މި އަހަރު ތެރޭގައި އިތުރު ކުރިއެރުންތައް ފެނިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހިންގާ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ 13 ރަށެއްގައި ހިންގާ ހައުސިންގ މަޝްރޫޢުތަކަށް ބޭނުންވާ އެޑްވާންސް ފައިސާ މިހާރު ހަމަޖައްސާފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ މަސައްކަތްތައް ފެށޭނެ ކަމަށެވެ. މީގެ އިތުރުން، ހުޅުމާލެ އާއި ވިލިމާލޭގައި ބިންގާ އަޅާފައިވާ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަތޮޅުތެރޭގެ މަޝްރޫއުތަކަށް ބަލާއިރު، އެންމެ ބޮޑު މަޝްރޫޢެއް ހިންގުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީގައެވެ. އެ ސިޓީގައި އިމާރާތްކުރުމަށް ނިންމާފައިވާ 400 ހައުސިންގ ޔުނިޓުގެ އެގްރީމެންޓްތައް އެކުލަވާލުމުގެ ފަހު މަރުހަލާ މި ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށައިގެން ކުރިއަށްދާ ކަމަށާއި، އައު ފައިނޭންސިންގ މޮޑެލްތަކުގެ އެހީގައި ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތުތައް އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެމަނިކުފާނު ވެވަޑައިގެންފައިވާ ގެދޮރުވެރިކަމުގެ ވަޢުދުތައް ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.