މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި މީރާގެ އެންމެ އިސްވެރިޔާގެ މަގާމު ހުސްވެފައި މިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ބޭފުޅާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޓެކްސް އިދާރާ ހަރުދަނާކޮށް، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގައި މީރާއަކީ މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހު 28 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. މި މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓް (presidency.gov.mv) އިން ވެސް ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށް އެ އޮފީހުން މައުލޫމާތު ދެއްވައެވެ.