މިއަހަރުގެ އޭޕްރީލް މަހު ޑެންގީހުން ޖެހިގެން ރިޕޯޓްކުރެވުނު އަދަދު، މިދިޔަ އަހަރުގެ އެ މަހާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފި އެވެ.
އެޗްޕީއޭ އިން ނެރުނު ބަލިތަކުގެ ހާލަތު ހާމަކުރާ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިއަހަރުގެ އޭޕްރީލް މަހު ޑެންގީހުން ޖެހިގެން ރިޕޯޓްކުރެވުނީ 601 ކޭސްއެވެ. ނަމަވެސްމިދިޔަ އަހަރުގެ އޭޕްރީލް މަހު ރިޕޯޓްކުރެވުނީ އެންމެ 60 ކޭސްއެވެ. މިއީ އެއް އަހަރުގެ ތެރޭގައި ދިހަ ގުނައަށް ވުރެ ބޮޑު އިތުރުވުމެކެވެ. އަދި މިދިޔަ މާރިޗު މަހު 643 ކޭސް ރިޕޯޓްކުރެވިފައިވާ ކަމަށްވެސް ބަލިތަކުގެ ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ މާރިޗު މަހު ރިޕޯޓްކުރެވިފައިވަނީ 135 ކޭސްއެވެ.
ޑެންގީ ފެތުރޭ ނިސްބަތް ބޮޑުތަނުން ދަށްކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން، ޑެންގީ ހުނުން ރައްކާތެރިވުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ވެސް އެ ރިޕޯޓުގައި ހިއްސާކޮށްފައިވެއެވެ. ޑެންގީ ހުމަކީ ޑެންގީ ވައިރަސް ހިފައިގެން ހުންނަ މަދިރި ކަމަށްވާ "އޭޑީސް" ޖިންސުގެ މަދިރި ކަށި ޖެހުމުން ފެތުރޭ ބައްޔެކެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަން، ސްޕްރޭ އަދި ރެޕެލެންޓް ބޭނުންކުރުން ހިމެނެއެވެ. އަދި ފަތިސް ގަޑިއާއި ހަވީރު އިރު އޮއްސޭ ވަގުތު، ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. ހުސް ފުޅި، ދަޅު ފަދަ ތަކެތި ގޯތިތެރެއަށާއި މަގުމައްޗަށް ނޭޅުމަށާއި، ފެން ހަރުލާ ތަންތަން ސާފުކޮށް ބެހެއްޓުމަށް ވެސް ވަނީ ގޮވާލާފައެވެ. ސަބަބަކީ ފެން ހަރުލާ ތަންތަނަކީ ޑެންގީ ފަތުރާ މަދިރި އާލާވާ ތަންތަން ކަމަށްވާތީއެވެ.
ޑެންގީ ހުން ޖެހިއްޖެ ހާލަތެއްގައި ގޭގައި ދެވިދާނެ ފަރުވާ ތަކުގެ ތެރޭގައި، ރަނގަޅަށް އަރާމުކުރުމާއި، ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުން ހިމެނެއެވެ. ހުން ތިރިކުރުމަށް ޕެރެސެޓެމޯލް ބޭނުންކުރެވިދާނެ ކަމަށާއި، ތިން ދުވަހަށް ވުރެ ގިނަ ދުވަހު ހުން ހުރިނަމަ ނުވަތަ ދިޔާ ތަކެތި ބޭނުން ނުކުރެވޭ ހާލަތަށް ދިމާވާ ނަމަ، ވަގުތުން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް ވެސް އެޗްޕީއޭ ވަނީ ހަނދާންކޮށްދީފައެވެ.
ޑެންގީ ހުމުގެ އިތުރުން، އިންފްލުއެންޒާ ފަދަ އަރިދަފުސް ރޯގާގެ ބަލިތަކުގެ ހާލަތު ވެސް ގޯސްވަމުންދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއަހަރުގެ މިހާތަނަށް ޓެސްޓްކުރެވުނު 1،201 ސާމްޕަލްގެ ތެރެއިން 171 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. އަދި 2026 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު، އޭޕްރީލް މަހު އިންފްލުއެންޒާ ޓެސްޓްކުރެވުނު އަދަދު ވަނީ އިތުރުވެފައެވެ.
އަރިދަފުސް ރޯގާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް، ކެއްސާ ކިބިހި އަޅާ ވަގުތު އަނގަ އާއި ނޭފަތް ޓިޝޫ ފަދަ އެއްޗަކުން ނިވާ ކުރުމަށާއި، ސައިބޯނި ލައިގެން ގިނަ ގިނައިން އަތްދޮވުމަށް ވަނީ ގޮވާލާފައެވެ. ރޯގާ ޖެހިފައިވާ ހާލަތުގައި، ކުޑަކުދިންނާ ދުރުހެލިވެ، ގިނަ ބަޔަކު އެއްވެ ތިބޭ ތަންތަނަށް ދިއުން ވީހާ ވެސް ބޮޑަށް ހުއްޓާލުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ. ހާއްސަ ގޮތެއްގައި ބަލިވެ ހުން އަންނަ ހާލަތްތަކުގައި، ނުރައްކާ ބޮޑު ފަރާތްތައް ކަމަށްވާ ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި، މާބަނޑު މީހުން ހޮސްޕިޓަލަށް ދިއުން ވީހާ ވެސް ބޮޑަށް ލިމިޓްކޮށް، ކޮންމެހެން ދާން ޖެހޭ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް ވެސް ވަނީ ހަނދާންކޮށްދީފައެވެ.
ބޭރަށް ހިންގުމުގެ ހާލަތަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރެވުނު ކޭސްތައް، ކުރީ މަހާ އަޅާބަލާއިރު ވަނީ ކޮންމެވެސް ވަރަކަށް މަދުވެފައެވެ. ނަމަވެސް ބޭރަށް ހިންގުމާ ހޮޑުލުން ފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ދިރިއުޅުމުގެ ތެރެއަށް ވެއްދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. ރައްކާތެރިވުމަށް ކެއުމުގެ ކުރިންނާއި ފާހާނާ ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި، ތަރުކާރި އާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށް ވަނީ ގޮވާލާފައެވެ.
ބޭރަށް ހިންގުން ޖެހިއްޖެ ހާލަތެއްގައި، ލޮނު ޕެކެޓު، ކުރުނބާ ފެން، ސޫޕް ފަދަ ދިޔާ ތަކެތި ގިނަ ގިނައިން ބޭނުންކުރުމަށާއި، ތުއްތު ކުދިންނަށް ގާތުން ދިނުން ކުރިއަށް ގެންދިއުމަށް ވަނީ ތަކީދުކޮށްފައެވެ. ލޭ ހިމެނޭ ހޮޑެއް ލެވުން، ބޮޑުކަމުދެވޭ ތަކެތީގައި ލޭގެ އަސަރު ހުރުން، ނުވަތަ ވަރަށް ބޮޑަށް ވަރުދެރަވުން ފަދަ ކަންކަން ދިމާވާ ހާލަތްތަކުގައި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް ވަނީ ގޮވާލާފައެވެ.
ފެތުރެމުންދާ ބަލިތަކުގެ ހާލަތަށް ބަލާއިރު، ޑެންގީ ހުމާއި އިންފްލުއެންޒާ ފަދަ ބަލިތައް ފެތުރޭ ނިސްބަތް ކުރިއަށްވުރެ ބޮޑުތަނުން ގިނަވެފައިވާ ކަމަށް ފެންނަ ކަމަށް ވާތީ، ރައްޔިތުން ހޭލުންތެރިވެ، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް އެޗްޕީއޭ ވަނީ ގޮވާލާފައެވެ.