MTCC

މުސާރަ ބޮޑުނުވި މުވައްޒަފުންނަށް މިމަހު ހެޔޮ ބަދަލެއް އަންނާނެ: މުއިއްޒު

ފޮޓޯ: ރައީސް

މުސާރަ ބޮޑުނުވި މުވައްޒަފުންނަށް މިމަހު ހެޔޮ ބަދަލެއް އަންނާނެ: މުއިއްޒު

SHARE

ސަރުކާރުން ކުރިއަށްގެންދާ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ މުވައްޒަފުންނަށް، މި ހިނގާ މޭ މަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕޭ ހަރމަނައިޒް ކުރެވުނުއިރު ބައެއް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވުމުގެ ބަދަލުގައި އެއްވަރެއްގައި ހިފެހެއްޓިފައި ނުވަތަ ބައެއް ފަރާތްތަކަށް ގެއްލުންވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިއުމަން ރިސޯސަސް (އެޗްއާރް) ދާއިރާއާއި، ލީގަލް ދާއިރާގެ އިތުރުން ކައުންސިލްތަކުގެ ބައެއް މަޤާމުތަކުގައި ތިބި މުވައްޒަފުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ވީ ވައުދަކީ މުސާރަ ބޮޑުކޮށްދޭން. އެހެން ނަމަވެސް އަޅުގަނޑަށް މި ފާހަގަވީ އެކި ސަބަބުތަކާ ހެދި ޕޭ ކޮމިޝަނުން، ޕޭ ހާމަނައިޒް ކުރިއިރުގަ މުސާރަ ބޮޑު ނުވެ އެހެން ނަމަވެސް ކުޑަވެސްވި ބައެއް ފަރާތްތައް ތިބިކަން އެނގިފަވަނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނެޝަނަލް ޕޭ ކޮމިޝަނުން މިހާރު އެ މައްސަލަތައް ބައްލަވައި ހައްލުކޮށްފައިވާ ކަމަށާއި، މި މަހުގެ މުސާރަ ލިބޭއިރު އެ ފަރާތްތަކުގެ މުސާރައަށް ހެޔޮ ބަދަލެއް އައިސް މުސާރަ ބޮޑުވާނެ ކަމުގެ ޔަޤީންކަން ކޮމިޝަނުން ދެއްވާފައިވާ ކަމަށެވެ. އަދި ޖުމްލަ ހައްލެއް ލިބުނު ނަމަވެސް، ވަކިވަކި މުވައްޒަފުންގެ އެފަދަ މައްސަލައެއް އޮތްނަމަ އެކަންވެސް ބައްލަވައި ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ހެނދުނު އެންމެ ފަހުން މީގެ މައުލޫމާތު ނަގައިގެން މިއައީ ޕޭ ކޮމިޝަންގެ ފަރާތުން. މިފަހަރު މުސާރަ ލިބޭއިރު، އިރާދަކުރެއްވިއްޔާ ޖުމްލަކޮށް، އިންޑިވިޖުއަލް ކޭސަސް ނުހުންނާނެއެކޭ ނޫން. އެކަމަކު ޖުމްލަކޮށް މިކަހަލަ މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ހައްލުވާނެ" ރައީސް ވިދާޅުވިއެވެ.

ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ރައީސް އޭރު ވިދާޅުވި ގޮތުގައި ޕޭ ހާމަނައިޒޭޝަންގެ ތެރެއިން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުވާނެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" އާ ގުޅޭގޮތުން ވެސް ރައީސް މައުލޫމާތު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މި އޮޕަރޭޝަނަކީ ބިދޭސީންނަށް އަދަބުދިނުމުގެ މަޤްސަދުގައި ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ބިދޭސީންގެ މަޢުލޫމާތު ސާފުކޮށް، އެމީހުންގެ އިންސާނީ ހައްޤުތަކާއި ކަރާމާތް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ ވަށައިޖެހޭ މަސައްކަތެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާތަނަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންނަކީ ކޮންބައެއްކަން ދެނެގަނެވޭނެ ފަދަ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކޮށް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ބިދޭސީން ރެގިއުލަރައިޒްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ރާއްޖޭގައި އޮތް ބިދޭސީންގެ ބޮޑު މައްސަލައަށް މި ސަރުކާރުން ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.