ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސް އާ ހަވާލުކުރުން، އިނގިރޭސިވިލާތުން މަޑުޖައްސާލާފައިވާތީ، ރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ، ޗާގޮސްގެ މިލްކުވެރިކަން ހޯދުމަށް ރައްޖެއިން ގިނަ މަސައްލަތްތަކެއް ކުރަމުން އަންނައިރު، މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އިނގިރޭސި ވިލާތުގެ ނިންމުމުގެ ސަބަބުން ރާއްޖެއަށް ޗޯގޮސް ރަށްތަކުގެ މިލްކުވެރިކަން ހޯދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ބަޔާނުގައި ވަނީ ރާއްޖޭގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތައް ދެމެހެއްޓުމަށް އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް އިނގިރޭސިވިލާތަށް ގޮވާލާފައެވެ.
ކުރީ ސަރުކާރުން ރާއްޖޭގެ ކަނޑުން ގެއްލުވާލި މި ބައި ހޯދުމަކީ ރައީސް ޑރ މުއިއްްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވިދާޅުވީީ، މި ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
މިކަމާ ގުޅިގެން 2024 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ބޮޑުވަޒީރަށް ރައީސް ސިޓީއެއް ވެސް ފޮނުއްވިއިރު، ސަރުކާރާ ހަވާލުވުމާ އެކު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި "ގެއްލުނު" ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ހިމަނައި އެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފެށި އެވެ. އަދި އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދި އެވެ.
ޗާގޯސްއަކީ، 1814 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ރަށްތަކެކެވެ. 1960 އާއި 1970 ގެ އަހަރުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒު ޑިއޭގޯ ގާސިއާއަށް ޖާގަ ދިނުމަށްޓަކައި އިނގިރޭސިވިލާތުން ވަނީ އެ ރަށްތަކުން ޗާގޯސްގަ އޭރު އުޅުނު މީހުން ގަދަކަމުން ބާލުވާފަ އެވެ. އޭރު އެތަނުގެ އާބާދީއަކީ ގާތްގަޑަކަށް 2،000 މީހުންނެވެ. އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965 ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރެވެ. އަދި، ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް ކުއްޔަށް ދީފައިވަނީ 2036ގެ ނިޔަލަށެވެ.
ޗާގޯސްގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ކަނޑައެޅީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.
މީގެއިތުރުން، މޮރިޝަސް އިން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށްވެސް މައްސަލަ ހުށަހަޅާފަ އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ދިވެހިރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށެވެ. އިޓްލޮސް އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސި ވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ.