ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމަށާއި، ސާފުކުރި ތެލުގެ އަގު ހެޔޮ ނުވުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ، ވަޒީރުންގެ ހާއްސަ ކޮމެޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ހަނގުރާމައާ ގުޅިގެން އެންމެ މުހިއްމު އެއް ކަމަކީ ތެލުގެ އަގު ކަމަށާއި، ނަމަވެސް، ރާއްޖެއަށް ތެލާއި ގޭހުގެ ޝިޕްމަންޓްތައް ލިބުގައި ދަތިކަމެއް ނެތް ކަަމަށެވެ.ޒަމީރު ވިދާޅުވީ، ތެލުގެ އަގު އުފުލިފައިވީނަމަވެސް، މިހާތަނަށް ތާވަލުކުރެވިފައިވާ ތެލާއި ކައްކާ ގޭހުގެ ޝިޕްމަންޓްތައް، ދަތިކަމެއްނެތި ލިބޭނޭ މަގު ފަހިވެފައިވާކަމަށެވެ. ބޭނުންވާނަމަ ސިންގަޕޫރ އިން ވެސް ރާއްޖެއަށް ތެޔޮ ގެނެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޝެޑިއުލްކުރެވިފައިވާ ގޮތަށް ތެލުގެ ޝިޕްމަންޓް އެބަ އާދޭ. އަދި ގޭހުގެ ވެސް ޝިޕްމަންޓްތައް ޝެޑިއުލްކުރެވިފައި އޮތީ އަދި މިހާތަނަށް އެއްވެސް ކަހަލަ ދަތިކަމެއް ނެތި،"
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ،ތެލުގެ އަގު އަދިވެސް ދަށް ނުވާތީ އެކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށާއި،ކުރިއަށް އޮތް ތަނުގައި ސާފުކުރި ތެލުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަކީ ހަމައެކަނި ފަންޑެޑް ދަތުރުތައް ކަމުގައި ހަމަޖައްސަވައި، ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުންވެސް ކޮންމެހެން ކުރަންޖެހޭ ހަރަދެއް ފިޔަވައި އެހެން ހަރަދުތައް ނުކުރުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.