MTCC

ލޯކަލް ކައުންސިލް އިންތިހާބު: ރަށު ކައުންސިލް ރައީސްގެ މެޖޯރިޓީ ޕީއެންސީއަށް!

photo_2026-04-12_04-41-53

ލޯކަލް ކައުންސިލް އިންތިހާބު: ރަށު ކައުންސިލް ރައީސްގެ މެޖޯރިޓީ ޕީއެންސީއަށް!

SHARE

މިމަހު 4 ވަނަ ދުވަހުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީތަކުގެ މޭޔަރުން ނުލައި، ރަށްރަށުގެ ކައުންސިލް ރައީސް ގޮނޑީގެ ތެރެއިން 74 ގޮނޑި ކޮންގްރެސް ޕާޓީ (ޕީއެންސީ) އަށް ލިބުނު ކަމަށް އިލެކްޝަންސްގެ ދާއިމީ ނަތީޖާ އިން ދައްކައިފި އެވެ.

އެގޮތުން، އީސީގެ ނަތީޖާ އަށް ބަލާއިރު ކައުންސިލްގެ ރައީސްގެ މަގާމަށް އެމްޑީޕީއަށް ލިބުނީ 71 ގޮނޑިއެވެ. އީސީއިން އާންމުކުރި ނަތީޖާއަށް ބަލާއިރު 10 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ މެޖޯރިޓީ ޕީއެންސީއަށް ލިބެއެވެ. އަދި 6 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ މެޖޯރިޓީ އެމްޑީޕީއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި 31 ކެންޑިޑޭޓަކު ކައުންސިލް ރައީސްކަމުގެ ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭއަށް 4 ގޮނޑި، އަދި ޖުމްހޫރީ ޕާޓީއާއި ދަ ޑިމޮކްރެޓްސްއަށް ކޮންމެ ޕާޓީއަކަށް 1 ގޮނޑި ލިބިފައިވެއެވެ.

މީގެއިތުރުން، އިންތިހާބުގައި ސިޓީތައް ނުހިމެނޭހެން، ކައުންސިލްގެ ރައީސްގެ ގޮނޑިއަށް 16 އަތޮޅަކުން އެންމެ ގިނަ ވޯޓު ހޯދާފައިވަނީ ޕީއެންސީއިންނެވެ. އަދި ކައުންސިލްގެ ރައީސްގެ މަގާމަށް، އެންމެ ގިނަ ވޯޓު އެމްޑީޕީއިން ހޯދީ ތިން އަތޮޅަކުންނެވެ.

ރަށްރަށުގެ ކައުންސިލްގެ ރައީސްގެ މެޖޯރިޓީ ޕީއެންސީއިން ކާމިޔާބުކޮށްފައިވާއިރު، ސިޓީތަކުގެ މޭޔަރުކަމުގެ މެޖޯރިޓީ ހޯދީ އިދިކޮޅު އެމްޑިޕީއިންނެވެ. އެމްޑީޕީއިން ވަނީ 5 ސިޓީގެ މޭޔަރުކަމުގެ ގޮނޑިވެސް ދިފާއުކޮށްފައެވެ. ސިޓީތަކުގެ މޭޔަރުން ހޮވުމަށް، އެމްޑީޕީއަށް  33،311 ވޯޓު ލިބިފައިވާއިރު، ޕީއެންސީއަށް ލިބިފައިވަނީ 20،107 ވޯޓެވެ.

އިންތިހާބުގެ 5 ގޮނޑިއަކަށް ވޯޓު ހަމަހަމަވެގެން، ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން މިއަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ.