މާލޭގެ ބޭރުތޮށި މަރާމާތުކުރުމުގެ ބޮޑު މަޝްރޫއު މި އަަންނަ މެއި މަހުގައި ފެށުމަށް ތައްޔާރުވެފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓަރްކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.
މިނިސްޓްރީން ބުނީ ތޮށިގަނޑު މަރާމާތުކުރުމުގެ އިތުރުން، މާލޭގެ މަލަމައްޗަށް ވެސް ބައެއް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގެ ތޮށިގަނޑު އުސްމިން މިހާރަށްވުރެ 70 ސެންޓިމީޓަރު އުސްކުރުމަށް ނިންމާފައިވާއިރު، ބީއެމްއެލް މައި އިމާރާތުގެ ކުރިމަތީ އޮންނަ ތޮށިގަނޑުގެ މަރާމާތުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ހަމަމިއާއެކު، ލޭގެ 16 ޕަމްޕު ސްޓޭޝަނެއްގައި ޑްރެއިނޭޖް މޮނިޓަރިންގ ސިސްޓަމްތައް ހަރުކުރުމާއެކު، ރެޔާއި ދުވާލު މަރުކަޒީ ގޮތެއްގައި، ފެންހިންދާ ނިޒާމު ބެލެހެއްޓޭނެ ވަސީލަތްތައް ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ސަލްމާން މިސްކިތް ސަރަހައްދު ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ތަރައްގީކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ، ޖަޕާނުގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ޓޯޔޯ ކޮންސްޓްރަކްޝަނާއެވެ، މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށް މިނިސްޓްރީއިން ސޮއިކުރީ މިއަހަރު ފެބްރުއަރީ މަހުގައެވެ.މި މަޝްރޫއުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާނު ސަރުކާރުން ވަނީ 20 މިލިއަން ޖަޕަނިސް ޔެން ނުވަތަ (140،000 އެމެރިކާ ޑޮލަރު) ދޭން ނިންމައިފަ އެވެ.
މާލޭ ބޭރުތޮށި މަރާމާތުކޮށް އަލުން ތަރުތީބުކުރުމަށް ހަމަޖެހިފައިވަނީ، ރާޅުގަނޑު ސަރަހައްދުން ފެށިގެންނެވެ. މި މަސައްކަތުގެ މަގުސަދަކީ މާލޭގެ އިރުމަތީ ފަރާތަށް އުދައިގެ ސަބަބުން ލިބޭ ގެއްލުންތައް މަދުކުރުމާއި، ދިމާވެދާނެ ކާރިސާއަކަށް ތައްޔާރުވުމެވެ. މޫސުން ބަދަލުވާ ދުވަސްވަރު އެ ސަރަހައްދަށް އުދައިގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ލިބެއެވެ.