މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ކުރަން ޖެހޭ ބައެއް މަސައްކަތްތައް ކުރުމުގެ ގޮތުން ، މަސްވެރިންގެ ޕާކުން ފެށިގެން ބީއެމްއެލްއާ ހަމައަށް، އެދޭތެރޭގެ ފަޅު ބަންދުކުރުމަށް ނިންމައިފި އެވެ.
އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނުމަގުގެ އެއްވަނަ ފިޔަވަހީގެ ސެގްމެންޓް ދޭއްގެ ޝީޓް ޕައިލްކުރުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އެކުންފުނިން ބުނީ މާދަމާއިން ފެށިގެން އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް، މަސްވެރިންގެ ޕާކުން ފެށިގެން ބީއެމްއެލްއާ ހަމައަށް އޮންނަ މަގުގެ އިތުރުން، މަގާ އިންވެގެން އޮންނަ ފަޅު ބަންދުކުރާނެ ކަމަށެވެ.
މީގެއިތުރުން، އެމްޓީސީސީއިން ވަނީ އެ ސަރަހައްދުގެ ފަަޅުގައި އަޅާފައިވާ ދޯނިތަކާއި ލޯންޗުތައް އެ ތަނުން ނަގައި އެ ސަރަހައްދު ހުސްކޮށްދިނުމަށް، އެތަކެތީގެ ވެރިފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު 1650 އަށް ގުޅުމުން ލިބޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. އެމްޓީސީސީ އިން ވަނީ މަގު ފުޅާކުރުމަށްޓަކައި، ހެންވޭރު ޓާރމިނަލް އިން ފެެށިގެން، މަސްވެރިންގެ ޕާކުއާ ހަމައަށް، މިދިޔަ މަހު ފަހުކޮޅު މަގު ވެސް ބަންދުކޮށްފައެވެ.
އެކި ސެގްމެންޓްތަކަށް ބަހާލައިގެން،ހިންގާ މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ބާރު ބޮޑުކަން ކުޑަކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަޝްރޫއެކެވެ.