މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ، ހަރަދުކުޑަކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން ކުރި އިއުލާނެއްގައި ބުނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން، އެ އޮފީހުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީ އިން ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން މެއި މަހުގެ 31 ވަނަަ ދުވަހުގެ ނިޔަލަށް އެ އޮފހުން ގެންނަ ބަދަަލުތައް:
1. ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުން
2.ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން
3.އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުން
4.ކަރުދާސް ބޭނުންކުރުން މަދުކުރުން
5.އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން
އެ އޮފީހުން ބުނީ،މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު މި އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެ ކަމަށެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މީގެއިތުރުން، ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެ ކަމަަށް ވެސް އެ އޮފީހުން ބުނެއެވެ.
ހަމަމިއާއެކު،އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވެސް އެ އޮފީހުން ވަނީ ނިންމާފައެވެ.
އަދި، އެ އޮފީހުގެ މަސައްކަތްތައް ޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މި އޮފީހުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް މި މުއްދަތުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.
އިސްވެ ބަޔާންކުރެވުނު ބަދަލުތަކުގެ ސަބަބުން އާންމުންނަށް ނުވަތަ އިދާރާތަަކަށްދޭ އެއްވެސް ހިދުމަތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެކަމުގެ ޔަގީންކަން ޕީޖީ އޮފީހުން ވަނީ ދީފައެވެ. މި މުއްދަތުގައިވެސް، އަދި އަބަދުވެސް online.pgo.mv މެދުވެރިކޮށް އެ އޮފީހުގެ ހިދުމަތްތައް ހޯދުމަށް ވަނީ އެދިފައެވެ.