ތ. ވޭމަންޑޫގެ ބޯހިޔާވަހިކަމާއި އިގުތިސާދީ ތަރައްގީއަށް ބޭނުންވާ ބިން އިތުރުކުރުމަށް ސަރުކާރުން ފެށި މަޝްރޫއު ނިންމާލައިފިއެވެ.
އެމްއޭސީއެލް އިން ބުނީ ވޭމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އެ ރަށަށް 25 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށވެ. އެ ވައުދުފުޅާ އެއްގޮތަށް ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މި ކުންފުނިން ފެށީ މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުގައެވެ. އެކުންފުނިން ވަނީ މަޝްރޫއުގެ މަސައްކަތް މިމަހުގެ 4 ވަނަ ދުވަހު އެއްކޮށް ނިންމާލާފައެެވެ.
އެމްއޭސީއެލް އިން މައުލޫމާތު ދިން ގޮތުގައި،ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުއަށް، އެކުންފުނިން ބޭނުންކުރީ "ފިލީޕޯ ބްރޫނެލޭޝީ" އެވެ. މިއީ އެއްފަހަރާ 11,300 ކިއުބިކް މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިފައިވާ ޑްރެޖަރެއް ކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވޭމަންޑުގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަން އިއުލާނުކުރައްވާފައެވެ. މި މަސައއްކަތުގެ ދަށުން ޖުމުލަ 27 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި މަސައްކަތަށް ހޭދަވެފައިވަނީ 23 ދުވަސް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.