ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި މިއަދު މެންދުރުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން މަދީނާގެ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބާވަޑައިގަތުމުން، އެމަނިކުފާނުގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުހަބާ ދެންނެވީ މަދީނާގެ ގަވަރުނަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސަލްމާން ބިން ސުލްތާން ބިން އަބްދުލްއަޒީޒް އާލް ސައުދު އާއި ރޯޔަލް ޕްރޮޓޮކޯލްގެ ޑިރެކްޓަރު އިބްރާހީމް ބާރީ އެވެ.
އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ދެކަނބަލުން ރާއްޖެއިން ފުރާވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ފުރިހަމަ މެހުމާންދާރީއާއި ހަރަދުގައި ކުރިއަށްދާ މި ދަތުރުފުޅުގެ އެންމެހައި އިންތިޒާމުތައް ހަމަޖެހިފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ކުރީކޮޅުގަ އެވެ.