އއ. ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
މިއަދު މި އެއްބަސްވުމެއްގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު ޝަރީފް ޢަބްދުލް ރަޙުމާން ޔޫސުފެވެ. އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ.
މި މަޝްރޫޢަކީ 27.51 މިލިޔަން ރުފިޔާއަށް 390 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، 29,125.29 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 168 މީޓަރުގެ ހިލަ ނެރުގައި ޖެހުމާއި، 104 މީޓަރުގެ ހިލަ ރިވެޓްމަންޓެއް ޖެހުމާއި،
16 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި އަދި 58 މީޓަރުގެ ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރެވޭނެކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.
910 މީހުންގެ އާބާދީއެއް ދިރިއުޅޭ ހިމަންދޫ ބަނދަރު ތަރައްޤީކުރެވުމުން، ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބި، އުދަ އެރުމާއި، ޑިންގީތައް ލަފައިފުރާނެ ޖާގަ ނުލިބުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.