މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓްގެ އެއްވަނައިގައި ޗައިނާ ހިމެނިއްޖެއެވެ.
ޓޫރިސްޓު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާރިޗު މަހުގެ ނިޔަލަށް ޗައިނާގެ، 94،823 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިސްޓުގެ އެެއްވަނައިގައި އޮތީވެސް ޗައިނާއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް، 643،218 ފަތުރުވެރިން ޒިޔާރާތްކުރެއެވެ. އެއީ އެވްރެޖްކޮށް ބަލާނަމަ ދުވާލަކަށް 7000 އަށް ވުރެ ގިނަ ފަތުރުވެރިންނެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓްގެ އެއްވަނައިގައި ޗައިނާ އޮތްއިރު، ރޭންކުގެ ދެވަނައިގައި އޮތީ ރަޝިއާއެވެ. އަހަރުގެ މިހާތަނަށް ރަޝިއާގެ 79،326 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރޭންކުގެ ތިން ވަނައިގައި އޮތީ، އިނގިރޭސިވިލާތެވެ. އެ ގައުމުގެ 61،162 ފަތުރުވެރިން ވަނީ މިހާތަނަށް ރާއްޖެ އައިސްފައެވެ. ފާއިތުވި މަހަށް ބަލާއިރު، އޭގެ ކުރީގެ މަހަށް ވުރެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި މިންވަރު އިތުރެވެ. އެގޮތުން، މިދިޔަ މަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ މާރިޗު 15 ވަނަ ދުވަހުގައެވެ. އެއީ ޖުމުލަ 6721 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރިޒޯޓުތަކަށް 435،843 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ގެސްޓުހައުސްތަކުގައި 165،536 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ. މިއަަހރުގެ މިހާތަނަށް، 3000 އަށް ވުރެ ގިނަ ފަތުރުވެރިން ބިޒްނަސް ވިސާގައި ރާއްޖެ އައިސްފައިވާއިރު، 6000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ކްރޫޒް ޝިޕްގައި ރާއްޖެ ޒިޔާރަތްކޮށްފައެވެ.