ފަލްސަފާއަކީ ޒުވާނުންގެ ބައިވެރިވުން އޮވެގެން ގައުމު ތަރައްގީކުރުން ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެކްސްޕްރެސޯ ވިތު ރައީސް ގެ ނަމުގައި ސަންގު ޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ގައުމު ބައްޓަންކުރުމާއި، ބަސް އިއްވުމުގައި ޒުވާނުންގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ، ޔޫތު ޕާރލަމެންޓް މީގެކުރިން ވަރަށް ރަނގަޅަށް ހިނގަމުން ދިޔަ ކަމަށާއި، އެކަން މިއަހަރުގެ ތެރޭގައި އަލުން އިއާދަކުރާނެ ކަމަށެވެ. ރައީސް ވިދާޅުވީ މަޖިލީހަކީ 3 ބާރު ވަކިވެފައި އޮންނަ ނިޒާމުގެ ތެރެއިން، ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބާރެއް ކަމަށެވެ.
"އެތަނުގައި ރާއްޖޭގެ އާބާދީގެ އެންމެ މުހިއްމު ސެކްޓަރ، މުސްތަގުބަލަށް އެންމެ ބޮޑަށް ކޮންޓްރިބިއުޓް ކުރާނެ ސެކްޓަރ، ޒުވާނުންގެ ބައިވެރިވުމެއް މިހާތަނަކަށް ސިސްޓަމެކަލީ އެތަނުގައި ނެތް. ފުރުސަތު އެބައޮތް ކުރިމަތިލާން. ކުރިމަތިލައިގެން ނުއެއް ހޮވޭ."
މީގެއިތުރުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ގެނެވޭ ރީފޯރމް ތަކުގެ ތެރެއިން، މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް އިސްކަންދެވޭ ގޮތަށް، މަޖިލީހުގައި ވަކި ކޯޓާއެއް އެކުލަވާލަން ގަސްތު ކުރާ ކަމަށެވެ. ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން، ޒުވާނުން ބާރުވެރިވެ، ގައުމުގެ އެންމެ މުހިއްމު ކަންކަން ނިންމުމުގައި ޒުވާނުންނަށް ބައިވެރިވެވޭނެ ގޮތެއް، ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި، އެ ދޮރު ޒުވާނުންނަށް ހުޅުވައިދެއްވާނެ ކަމަށެވެ.
" މިކަން ކުރާނެ ގޮތަކީ، ގާނޫނަށް އިސްލާހު ގެނައުން.ގާނޫނީ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ތެރެއިން، އޭގެ ކުރިން ބޭނުން އޯޕެން ޑިބޭޓް ނުވަތަ ޕަބްލިކް ތެރޭ މަޝްވަރާ ހިނގަން. ޒުވާނުންގެ ތެރޭގައި ހާއްސަކޮށް މި ވާހަކަ ދެކެވެން."
ރައީސް ވިދާޅުވީ މިއީ އެމަނިކުފާނުގެ ވިސްނުން ކަމަށާއި އަދި މިކަން ކަނޑައަޅައި ނިމިފައިނުވާ ކަމަށެވެ. އަދި މިކަން ނިންމޭނީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނެވިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.ވަކި އިންސައްތައެއް ޒުވާނުންނަށް ވަކި އިންސައްތައެއް އަންހެނުންނަށް ކަނޑައެޅުމަށް ގަސްތުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަންހެނުންނަކީ ރާއްޖޭގައި ވޯޓުލާ އިންސައްތަ އަށް ބެލި ނަމަވެސް، 49 ޕަރސެންޓް. ޒުވާނުންނަކީ 35 އަހަރާއި 18 އަހަރުގެ އާބާދީއަށް ބަލައިފިނަމަ، 39 ޕަރސެންޓް. އެހެންވީމާ، ފެއރ ރެޕްރެޒެންޓޭޝަން އެއް މަޖިލިސް ތެރެއިން އަންނަން ޖެހޭ. ވަކި ކޯޓާއެއް، ވަކި ޕަރސެންޓޭޖެއް ކަނޑައެޅުމަކީ އެންމެ އަދުލުވެރި، އެންމެ އިންސާފުވެރި ގޮތަކީ."
ރައީސް ވިދާޅުވީ ޒުވާނުންނަށް ހާއްސަކުރެވޭ ދާއިރާތައް ކަނޑައެޅުމާއި މެދު މަޝްވަރާކުރަން ޖެހޭނެ ކަމަަަށެވެ. ހަމަމިއާއެކު، މިކަން ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނުކުރެއްވުމުން، ވަރަށް ގިނަ ތާއިދުކޮށްފައި މެސެޖްކުރިއިރު، ދެކޮޅަށް ވެސް މެސެޖް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިއީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުކުރައްވާ ކަމެއް ކަމަށާއި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ ތެރެއިން މިކަން ނިޒާމުގެ ތެރެއަށް ގެނައުމަށް ބޭނުންފުޅުވާ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ޒުވާނުންނަށް 10 އިންސައްތަ އަދި އަންހެނުންނަށް 10 އިންސައްތަ ކަނޑައެޅުން ކަމަށެވެ.