އިސްރާއީލަކީ އެއްވެސް އިރެއްގައި މި ސަރުކާރުން ބަލައިގަންނާނެ ބައެއް ނޫން ކަމަށާއި، އެމެރިކާއާ ބައިވެރިވެގެން އިސްރާއީލުން އިރާނަށް ދޭ ހަމަލާތައް ހަރުކަށި އިބާރާތުން ރައީސް ޑރ މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވަ ރައީސް ވިދާޅުވީ، އެމެރިކާ އިން އަދި އިސްރާއީލުން އިސްވެ އެއްވެސް ކަހަލަ، ބެލުމެއް ނެތި އިރާނަށް ދިން ހަމަލާއަކީ މި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެއްވެސް ގައުމެއްގެ މިނިވަންކަމާއި އިގުތިސާދު ނަގާލައި، ހަމަލާތައް ދިނުމަކީ އެެއްވެސް ގައުމަކުން ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.ރައީސް ވިދާޅުވީ، މިއީ މިހާރުން މިހާރަށް ވެސް ހުއްޓާލަން ޖެހޭ ކަމެއް ކަމަށާއި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށެވެ.
"އިސްރާއީލަކީ ދިވެހި ސަރުކާރުން އެއްވެސް ވަރަކަށް ބަަަލައިގަންނާނޭ ބައެއް ނޫން. އެތައް ޒަމާނެއް ވަންދެން، ފަލަސްތީނަށް ކުރިމަތިކުރަމުން އައި، ނިކަމެތި ކަމަކީ އެއްގޮތަކަށް ވެސް ދިވެހި ރައްޔިތުން މަފުކުރާނޭ ކަމެއް ނޫން."
ރައީސް ވިދާޅުވީ އިސްރާއީލް ފިޔަވައި އެހެން ހުރިހާ ގައުމަކާއި ވެސް ރާއްޖެއިން ގާތް ގުޅުން ބާއްވާނެ ކަމަށާއި، މި ހަނގުރާމައަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، އިސްލާމީ ގައުމަކާއި ދެކޮޅަށް ކުރާ އެެއްވެސް ކަމެއްގައި ރާއްޖެއިން ބައިވެރިނުވާނެ ކަމަށާއި އެފަދަ ކަމަކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. މި ހަނގުރާމައިގައި ދޭ ހަމަލާތަކަކީ އެއްވެސް ގޮތަކުން ދީގެންވާނެ ހަމަލާތަކެއް ނޫން ކަމަށާއި، އީރާނުން ވެސް ހަމަލާތައް ދޭންވާނީ ސީދާ އިސްރާއީލް އަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"އީރާނުން ހަމަލާ ދެންޏާ ދޭންވީ އިސްރާއީލަށް. މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތް. އިސްރާއީލަށް ހަމަ، ހަމަލާދޭންވީ ރެޔާއި ދުވާލު. އަޅުގަނޑު ވަރަށް ބޭނުންވޭ އެކަން އެގޮތަށް ދާން."
ރައީސް ވިދާޅުވީ، މި ހަނގުރާމައިގައި އެެއްވެސް އިންތިޒާމަކަށް ރާއްޖޭ ބޭނުން ކުރާ ކަަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.