MTCC

އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް ލިބޭނެ:މިނިސްޓަރު ސައީދު

download (1)

އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް ލިބޭނެ:މިނިސްޓަރު ސައީދު

SHARE

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެއްވެސް ދަތިކަމެއް ނެތި،ތެލާއި ގޭސް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު ސަރުކާރުން ފިޔަވަޅުތައް އަޅުއްވައި، އެސްޓީއޯއިން އެ ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެމަތީން ދަމަހައްޓަމުން ދާ ކަމަށެވެ.

"މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރަށް، ތެޔޮސަޕްލައި ކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ޙާލަތުގެ އަސަރު ދިވެހި ޤައުމާއި ރައްޔިތުންނަށް ކުރާވަރު ވީހައިވެސް ކުޑަކުރެއްވުމަށްޓަކައި ރޖ ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު ސަރުކާރުން ފިޔަވަޅުތައް އަޅުއްވައި، އެސްޓީއޯއިން އެ ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެމަތީން ދަމަހައްޓަމުންނެވެ."

މިނިސްޓަރު ވިދާޅުވީ ، އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، އަދި އޭގެ އިތުރަށް ދުރާލާ ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުން ކަމަށެވެ.މިގޮތުން މި ހަފުތާވެސް މިހާރުވަނީ ތެލުގެ އައު ދެޝިޕްމެންޓެއް ރާއްޖެ ގެނެސްފައި ކަމަށާއި،ހަމަ އެފަދައިން އެސްޓީއޯއިން ސަޕްލަޔަރުންނާއިއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީޚުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރު ވަނީ އަރުއްވާފައެވެ.