MTCC

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން އަމަލުކުރަމުން ދަނީ ގާނޫނުއަސާސީއާ އެއްގޮތަށް: އޭޖީ އޮފީސް

ބަންޑާރަ ނަިއބު އަހުމަދު އޫޝާމް (ފޮޓޯ/ ރައީސް އޮފީސް)

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން އަމަލުކުރަމުން ދަނީ ގާނޫނުއަސާސީއާ އެއްގޮތަށް: އޭޖީ އޮފީސް

SHARE

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ސަރުކާރުން އަމަލު ކުރަމުން ދަނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

ބަންޑާރަ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ،  ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާއި އެ ވޯޓު ނެގުމަށް ގާނޫނުން ތަސައްވުރުކުރާ އިޖުރާއަތާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާކަން އެ އޮފީހަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަނީ ދެ މަގުސަދެއްގައި ކަމަށެވެ. އެއީ؛

  •  ރިޔާސީ އިންތިހާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުން

  • ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެމްބަރުގައި ފެށޭ ގޮތަށް މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު ބަދަލުކޮށް ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފަސް އަހަރު ދުވަހަށް ވުރެ ކުރުކުރުން

    ބަންޑާރަ ނައިބު އޮފީހުން ބުނީ، ގާނޫނުއަސާސީން ރާއްޖޭގެ ދުސްތޫރީ ނިޒާމު ބައްޓަންކޮށްފައިވާ ގޮތަށް ބަލާއިރު، ގާނޫނުއަސާސީއަށް ގެންނަ ބައެއް އިސްލާހުތަކަކީ ރައްޔިތުންގެ ބަހެއް ނެތި، ތަސްދީގުކޮށް އަމަލުކުރަން ފެށޭނެ އިސްލާހުތަކެއް ނޫން ކަމަށެވެ.

    ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު ބަދަލުކުރުމަށްޓަކައި، އިސްލާޙުކުރެވޭ މާއްދާއަކީ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށްވާތީ، ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީޤުކޮށް އަމަލުކުރަން ފެށޭނީ، ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ ރައްޔިތުންނަށް އެ ބިލު ތަސްދީޤުކުރަން ފެންނަކަމަށް ވާނަމަ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ލާޒިމްކުރަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް އިސްލާހު ކުރުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ވޯޓެއް ނެގުމަށް ކަމަށާއި އަދި އެކަން ކުރުމުގެ އިޖުރާއަތު ބަޔާންކުރަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ކަމަށް ވެސް ބުނެފައިވެއެވެ.

މިއަންނަ އޭޕްރީލް މަހު ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

މިކަން މި ނޫން ގޮތަކަށް ކުރުމަކީ ގާނޫނީ އަދި ދުސްތޫރީ އުސޫލުތަކާ ތައާރަޒުވާނެ ކަމެއް ކަމަށް ބަންޑާރަ ނައިބު އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.