ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އިން ސަނީ އުމަރުގެ މައްޗަށް ކުރީ،ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުރި ތިން ދައުވާއަކާއި، ގާނޫނުލްއުގޫބާތުގެ ދަށުން ކުރި ދެ ދައުވާއެކެވެ.
ސަނީ އުމަރުގެ މައްޗަށް އުފުލި ދައުވާތަކުގެ ތަފްސީލު:
1- ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ.
ދަޢުވާކުރާ ސަބަބު: ކުޑަ ކުއްޖެއްގެ ޢުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް، އެކި ދުވަސް މަތިން، އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ.
އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.
2- ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ.
ދަޢުވާކުރާ ސަބަބު: ކުޑަ ކުއްޖެއްގެ ޢުމުރުން 10 ނުވަތަ 11 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ.
އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.
3- ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ
ދަޢުވާކުރާ ސަބަބު: ކުޑަ ކުއްޖެއްގެ ޢުމުރުން 9 ނުވަތަ 10 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ.
އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.
4.އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ.
ދަޢުވާކުރާ ސަބަބު: ޙުސައިން ސަނީ ޢުމަރުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ޤަރީނާ ހުރިކަމަށް ތުހުމަތުކުރެވިގެން، ކްރިމިނަލް ކޯޓުން މީނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، މީނާގެ ފޯނު ގެއްލިފައިވާކަމަށް ބުނެ އެ ފޯނު ފުލުހުންނާ ހަވާލުކޮށްފައިނުވާތީ.
އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން.
5.ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ.
ދަޢުވާކުރާ ސަބަބު: ޙުސައިން ސަނީ ޢުމަރު ގެންގުޅުނުކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާތީ.
އަސާސީ އަދަބު: 4 މަހާއި 24 ދުވަހަށް ޖަލަށްލުން.
ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ކޮށްފައިވާ ދަޢުވާތައް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް ކޯޓުގައި އެދޭނެ ކަމަށެވެ. ސާބިތުވެއްޖެނަމަ، މަދުވެގެން 44 (ސާޅީސް ހަތަރެއް) އަހަރުގެ ޖަލު އަދަބެއް ސަނީ އުމަރުގެ މައްޗަށް ކަނޑައެޅޭނެ ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.
ޕީޖީ އިން ބުނީ،މި މައްސަލައާ ގުޅިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙުސައިން ސަނީ ޢުމަރު މިއަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ކަމަށެވެ.