ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި އިބްރާހިމް އަބޫބަކުރު، ނިންމުން ބަދަލުކުރައްވައި، ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްއަށް ތާއިދުކުރައްވަން ނިންމަވައިފިއެވެ.
ޕީއެންސީގެ މާފަންނު ހުޅަނު ދާއިރާގެ ކެނޑިޑޭޓުންގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން، މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އިބްރާހިމް ވިދާޅުވީ، އެހެން ޕާޓީއަކަށް ގޮނޑިދާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު މެން ފޯމު ހުށަހެޅުމުގައި މުއާމަލާތް ކުރުމުގެ މައްސަަލައަށް ދިމާވެގެން އަސްލު. އެހެންނޫން ނަމަ، މިފަދަ ޑެެމޭޖެއް ލިބުނަކު އަޅުގަނޑެއް ނުދޭނަން. އޭގެ އަސްލު އަޅުގަނޑަކަށް ވެސް ނޭނގޭ ކަންތައްތައް ހިނގާ ދިޔަ ގޮތެއް ހަގީގަތުގައި.ރައީސް އަށް ވެސް އެނގިވަޑައިނުގެން، ރައީސްގެ ސަމާލުކަމަށް އައި ހިސާބުން އަސްލު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، މީތި އެހެން ޕާޓީއަކަށް ގޮނޑިދާންޖެހޭ އެއްވެސް ސަބަބެއް އޮންނާން ޖެހޭނެ ކަމަކަށް."
އިބްރާހިމް އިތުރަށް ވިދާޅުވީ، އޭނާއަށް ތާއިދުކުރާ ހުރިހާ ފަރާތްތަކުން ވެސް ޕީއެންސީގެ ކެނޑިޑޭޓު އަރީޝްއަށް ވޯތު ދިނުމަށެވެ.
މިކަމާއި ގުޅިގެން ރައީސް ޑރ މުއިއްޒު ވިދާޅުވީ، އިބްރާހިމް އަކީ ރައީސް މޭޔަރު ކަމުގައި ހުންނެވިއިރުވެސް، އަދި މިހަރުވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށެވެ.
"ވަރަށް އުފާކުރަން ރަސްމިީކޮށް ނަން ނުނެގުނަސް، އިންތިޚާބުގައި އިތުރަށް ކުރިއަށް ނުދާން ނިންމާ، އަޅުގަނޑުމެންގެ ޑެޕިއުޓީ މޭޔަރު އަރީޝްއަށް ތާއިދުކުރެއްވުމަށް ނިންމެވި ނިންމުމަކީ، ވަރަށް ބޮޑަށް އުފާކުރާ ކަމެއް."
ރައީސް މުއިއްޒު ވަނީ އިބްރާހީމްގެ މި ނިންމެވުމަށްޓަކައި، އޭނާ އަށް ޝުކުރު ދަންނަވާފައެވެ.