MTCC

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ވަރަށް އަވަހަށް ހުށަހަޅާނަން: ބަންޑާރަ ނައިބު

1280x853-14Sep2025-1545pm

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ވަރަށް އަވަހަށް ހުށަހަޅާނަން: ބަންޑާރަ ނައިބު

SHARE

ސަރުކާރުގެ ރީފޯމް އެޖެންޑާގެ ދަށުން ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެކުގައި ބާއްވަން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމު ވިދާޅުވެއްޖެއެވެ.

"އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެެއްގައި އުޝާމް ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރިކަމާއި، އެކަންކަން އިޞްލާޙުކުރަންޖެހޭކަން އެއީ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާ ހަގީގަތެއް ކަމަށެވެ.އަދި އެކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޤާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުންވަނީ ނިންމާފައި ކަމަށް އުޝާމް ވިދާޅުވިއެވެ.

އެއީ؛
1. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން
2. ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން
3. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން

މީގެއިތުރުން އުޝާމް ވިދާޅުވީ، މި އިސްލާޙުތަކުގެ ތެރެއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުގެ މަސައްކަތް މިވަގުތު ކުރިއަށް މިގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށެވެ.

"ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިޞްލާޙުތަކުގެ ތެރެއިން، މި އިޞްލާޙަކީ، އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ޤާނޫނުއަސާސީން ލާޒިމްކުރާ އިޞްލާހެއް. އަދި ޤާނޫނުއަސާސީއަށް ދެން ގެންނަންޖެހޭ އިޞްލާޙުތަކަކީ އެއަށް ޢަމަލުކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުއަސާސީ ލާޒިމްކުރާ އިޞްލާޙުތަކެއް ނޫން. " ބަންޑަރަ ނައިބު

އުޝާމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށްޓަކައި މުޅި ދިވެހިރާއްޖެ ތައްޔާރުވަމުންދާ ވަގުތު، މި ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ޚަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް ކަމަށެވެ. އަދި މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ،ޤާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިޞްލާޙުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށާއި،މިހާރު ހިނގަމުންދަނީ މިކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ.