ފިޝަރީޒް މިނިސްޓްރީން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ފަހިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) މެދުވެރިކޮށް މ.ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިފްކޯ އިން ބުނީ،ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓަކީ ދުވާލަކަށް 60 ޓަނުގެ ފްލޭކް އައިސް އުފެއްދުމުގެ ގާބިލުކަން ހުންނަ ޕްލާންޓެއް ކަމަށެވެ. އެގޮތުން މި ޕްލާންޓު ގާއިމުކުރަނީ 100 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖް ފެސިލިޓީއަކާވެސް އެކުގައި ކަމަށް މިފްކޯއިން ވަނީ މައުލޫމާތު ދީފައެވެ .އެހެންކަމުން، މި އައިސް ޕްލާންޓުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ޔަގީންކަން ބޮޑުވެ، މަސްވެރިކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
ވޭވަށު އައިސް ޕްލާންޓު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 27 ސެޕްޓެމްބަރު 2025 ގައެވެ. މި މަސައްކަތް މިފްކޯއާ ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސް، މިހާރު ކުރަމުންދަނީ އައިސް ޕްލާންޓު އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ކަމަށް މިފްކޯއިން ވަނީ މައުލޫމާތު ދީފައެެވެ.
މީގެއިތުރުން މިފްކޯ އިން ބުނީ، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރާ މަަސައްކަތުގެ ބައެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ވެސް ބައެއް ކަމަށް މިފްކޯ އިން ބުނެއެވެ.