ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ އިންތިހާބީ ނިޒާމުގެ ތެރެއިން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ފެއިލްވެފައިވާ ކަމެއް ކަމަށާއި، އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ މި ވާހަކަދެއްކެވީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. ދިޔާނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ސުއޫދު ދެއްކެވި ހުއްޖަތު ގަބޫލުނުކުރައްވާ ކަމަށެެވެ.
ދިޔާނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މިހާތަނަށް ނަތީޖާ ނެރެވޭ ހަރުދަނާ ރައްޔިތުންގެ މަޖިލީހެއް އުފެދިފައި ނެތީ މިހާރު އަމަލުކުރާ ނިޒާމުގެ ސަބަބުންނެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ދެމެދު ހަ މަސްދުވަހުގެ މުއްދަތެއް ބާއްވައިގެން ފާއިތުވި 15 އަހަރު ބޭއްވި އެއްވެސް އިންތިހާބަކުން، ސަރުކާރު ޖަވާބުދާރީކުރެވޭނެ ފަދަ މަޖިލީހެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުންދާ "ސްޓެގާޑް އިލެކްޝަންސް" ނުވަތަ ދެ އިންތިހާބު ވަކިވަކިން ބާއްވާ ނިޒާމަކީ ރާއްޖޭގައި ފެއިލްވެފައިވާ ނިޒާމެއްކަން ފާހަގަކުރައްވައި، ދިޔާނާ ވިދާޅުވީ މިކަމަށް އޮތް ހައްލަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ. އަދި އެކަން ތަޖުރިބާކޮށް ޓެސްޓުކޮށްލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ދިޔާނާ ވިދާޅުވީ، އޭގެ ސަބަބުން އިދާރީ ގޮތުން ހިނގާ ބޮޑެތި ހަރަދުތައް ކުޑަވެގެންދާނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލާއިރު، އިންތިހާބުތަކަށް ކުރާ ހަރަދު ކުޑަކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.