މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ރާއްޖޭގައި ތެލުގެ އަގު ހެޔޮ އަގެއްގައި ހިފެހެއްޓުމަށްޓަކައި، އެސްޓީއޯ އަށް ލިބޭނެ ފައިދާ ބޭނުންކޮށްގެން، ތެލުގެ އަގަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ވަޒީރުންގެ ކޮމެޓީއިން ނޫސްވެރިންނާ ބައްދަލުކުރައްވާފައިވާއިރު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ލިބުމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގުވާމީ ބާޒާރުގައި އަގުތައް އުފުލިފައިވީ ނަމަވެސް، އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ބުރަ އުފުއްލަން ނުޖެހޭނޭ ގޮތަކަށް ސަރުކާރުން އިންތިޒާމްތައް ރާވާފާއިވާ ކަމަށެވެ. އެގޮތުން އެސްޓީއޯއަށް މިއަހަރު ލިބޭނެ ކަމަށް ލަފާކުރާ 1.5 ބިލިއަން ރުފިޔާގެ ފައިދާގެ ތެރެއިން ބައެއް، ތެލުގެ އަގު ސަބްސިޑައިޒް ކުރުމަށް ނިންމާފައިވާ ކަަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
"މިސާލަކަށް ސަބްސިޑީ ސަރުކާރުން ދޭނެ. އޭގެ އިތުރުން އެސްޓީއޯގެ ފައިދާ، މިސާލަކަށް އަޅުގަނޑުމެން އިންޓިސިޕޭޓް ކުރަނީ 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް. އެ ފައިދާގެ ތެރެއިން ބައެއް ކްރޮސް ސަބްސިޑައިޒް ކޮށްގެން، "
މިނިސްޓަރު ވިދާޅުވީ އެސްޓީއޯއިން ތެލުގެ އަގު ކަނޑައަޅަނީ، ބޯޓަށް ތެޔޮ އަޅާ ދުވަސްވަރުގެ ތިން ހަތަރު ދުވަހެއްގެ އެވްރެޖް އަގަށް ބަލައިގެން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިވަގުތު ރާއްޖޭގެ ތެލުގެ ރައްކާތެރިކަން އޮތީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއަށް ތެޔޮ އުފުލުމުގެ ގާބިލްކަން ވެސް ކުރިއަށްވުރެ އިތުރުވެފައިވާކަމަށެވެ. މިއަހަރު ގެނައި 24,000 މެޓްރިކް ޓަނުގެ އައު ބޯޓާއެކު، ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއްނެތި ދަތުރުމަތީގައި ހުންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.