ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލަންއުޅޭ ކަމަށް ބުނުމަކީ އެމްޑީޕީއިން އޮޅުވާލި، އޮޅުވާލުމެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސް މިފަދައިން ވިދާޅުވީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، އެމްޑީޕީން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކީ ބޭއްވުމުގެ ވާހަކަދައްކަމުން ދަނީ އެއްވެސް ކަމެއް ހަނދާން ނެތިގެން އުޅޭ ބައެއް ހެން ކަމަށެވެ.
"މިހާރު އެމްޑީޕީ މީހުން ވާހަކަ ދައްކާ ގޮތުން ހީވާ ކަހަލަ މިއީ ރާއްޖޭގައި، އަލަށް ކުރަން ކަމެކޭ.މުޅި ދުނިޔޭގައި އަލަށް ކުރަން ކަމަކޭ އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ. އެމްޑީޕީއިން ފުރަތަމަ އޮޅުވާލި އޮޅުވާލުމަކީ ދެ އިންތިޚާބު އެއްކޮށްލަނީއޭ ބުނުން. ދެ އިންތިޚާބު އެއްކޮށްލަނީ އެއް ނޫން. ދެ އިންތިޚާބަކީ ވަކިވަކިން ބައްވާ ދެ އިންތިޚާބު. ހަމައެކަނި އެއް ދުވަހަކު ބާއްވާ ކަން އެކަނި."
ނާޒިމް ވިދާޅުވީ އެއް ދުވަހަކު އިންތިޚާބުތައް ބޭއްވުމުން ލިބޭނެ ވަރަށް ގިނަ ފައިދާތައް އެބަހުރިކަަމަށެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަޖިލީސް އިންތިޚާބަށް ވުރެ ގިނަކަން ތަފާސްހިސާބުތަކުން ދައްކާކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ،ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، އެއްގޮތަކަށްވެސް ގާނޫނު އަސާސީ ފަރުމާކުރި މުސައްނިފުންގެ ވިސްނުމެއް ނޫން ކަމަށެވެ. މީގެއިތުރުން، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަަކީ އިޚްލާސްތެރިކަމާއެކު، ހެޔޮ ނިޔަތެއްގައި ކުރާ ކަމެއް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.