މިފްކޯއިން ފުވައްމުލައް ސިޓީން މަސް ގަންނަން ފަށަނީ

big_5rjstpNaUKeliW0LFh90sshEC_fishermen1

މިފްކޯއިން ފުވައްމުލައް ސިޓީން މަސް ގަންނަން ފަށަނީ

SHARE

މި ހިނގާ އޮގަސްޓު މަހުގެ ތެރޭ މިފްކޯއިން ފުވައްމުލަށް ސިޓީން މަސް ގަންނަން ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ ސީއީއޯ ފަރުހަތު ޝަހީރު ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ފުވައްމުލަށް ސިޓީގެ ކައުންސިލާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ފަރުހަތު ވިދާޅުވީ، މިމަހުގެ ތެރޭ މިފްކޯއިން ފުވައްމުލަކަށް މަސް ގަންނަން ފަށާނެ ކަމަށާ އޭގެ ފަހުން ދާއިމީކޮށް ފުވައްމުލަކުން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ފުވައްމުލަށް ސިޓީގައި ގާއިމްކުރާ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާ އެތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށް މިފްކޯގެ ސީއީއޯ ފަރުހަތު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ގާއިމްކުރާ މަސް ޕްރޮސެސްކުރާ މަރުކަޒު ނިމުމުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން ފަރުހަތު ދެއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރިން ބާނާ މަސް އަގުއެއްނުކޮށް، ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރަން ޖެހުމެވެ. އޭގެ ނަތީޖާއަކީ މަހަށް ލިބެންވާ ހަމަ އަގު ނުލިބުމެވެ.

މަހަށް ހަމައަގު ހޯދައިދިނުމަށާއި، އަގުއެއްކޮށްގެން މަސް ބޭރުކުރުމަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަށްޓަކައި މަސް ޕްރޮސެސްކުރާ ތިން ކާރުހާނާއެއް ތަރައްގީކުރުމަށް ނިންމާ އެތަންތަނުގެ އަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެތަންތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.