ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް އިންޑިއާގެ ކަނޑުގެ ސަަރަހައްދު ރައްކާތެރިކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުއް ﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ) އަކީ މުޅި އިންޑިއާ ކަނޑުގައި ސަރަހައްދީ އެއްބާރުލުން ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ޖަމިއްޔާއެއް ކަމަށެވެ.މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އިންޑިއާ ކަނޑު ހިމާޔަތްކުރުމަކީ ދިވެހީންގެ ދިރިހުރުމާއި، ދިވެހީންނަށް ލިބެން އޮތް ތަނަވަސްކަމާއި ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ދެކެނީ އައިއޯރާއަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ސަލާމަތާއި، ވިޔަފާރިއާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ދިނުން ކުރިއެރުވުމަށް މުހިންމު އެއް ޕްލެޓްފޯމްގެ ގޮތުގައެވެ."
،ތަނަވަސް އިންޑިއާ ކަނޑެއް ކަށަވަރުކުރުމަށްޓަކައި، އައިއޯރާގެ ތެރޭގައި ޕާޓްނަރޝިޕްތައް ހަރުދަނާކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.އައިއޯއާރުއޭއަކީ ސަރަހައްދީ އެއްބާރުލުން އިތުރުކޮށް، އިންޑިއާ ކަނޑުގެ ގައުމުތަކަށް ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުމަށް ޓަކައި 1997ވަނަ އަހަރު ސަރަހައްދީ ގައުމުތަކުން ހިއްސާ ވެގެން އުފެއްދި ޖަމިއްޔާއެކެވެ.