ރައީސްގެ ބ. އަތޮޅު ދަތުރުފުޅު: ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް

GyFPBNyXgAELE3J

ރައީސްގެ ބ. އަތޮޅު ދަތުރުފުޅު: ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެއަތޮޅުގެ ހުރިހާ ރަށްތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތަކާއި އެއްގޮތަށް ރަށްރަށުގެ ކުރިއެރުމަށް ކުރައްވަން ހުރި ގިނަ މަޝްރޫއުތައް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.

މިއީ، އެމަނިކުފާނުގެ ވައުދުފުޅާއި އެއްގޮތަށް ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާ، ރައްޔިތުންގެ އަޑު އެންމެ ގާތުން އައްސަވާނެކަމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ބ. އަތޮޅަށް ކުރައްވާ ޒިޔާރަތެކެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ ދިރިއުޅުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ބޭނުންފުޅުވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، ބ. ކުޑަރިކިލަށް ޒިޔާރަތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ކުޑަރިކިލު މަގުހެދުމުގެ މަސައްކަތްކުރުމަށް މިހާރު އާރް.ޑީ.ސީ އާ ހަވާލުކޮށްފައިވަކަން ފާހަގަކުރައްވާފައެވެ. އަދި، ފެނާއި ނަރުދަމާއަކީ މަގުހެދުމަށްޓަކައި ނިންމަންޖެހޭ ކަމެއް ކަމުން، މި ދެ ކަންތައް ގުޅިލާމެހޭ ގޮތަށް ކުރިޔަށްގެންދިއުމުގެ ކަންތައްތައް މިހާރު ވަނީ ހަމަޖެހިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއަށްފަހު، ބ. ކަމަދޫ އަށް ޒިޔާރަތްކުރައްވާ އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި، ރަށުގެ ތަރައްޤީއަށްޓަކައި އަދި ރައްޔިތުންނަށް ދަތިވާ ކަންކަމުގައި، މިހެން ހުރި ބޮޑެތި މަޝްރޫޢުތައް، ވަރަށް ރަނގަޅަށް ތަރުތީބުކުރެވި، ހިނގަމުންދާނެ ކަމަށެވެ.

ދެން ޒިޔާރަތްކުރެއްވީ ބ. އޭދަފުއްޓަށެވެ. އެރަށުގެ ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ‏ބޭރުފަރާތަކާ އެކީގައި އޭދަފުށީގައި 1000 ހައުސިންގ ޔުނިޓުގެ މަޝްރޫއެއް ހިންގުމަށް ސޮއިކުރެވިފައިވާ ކަމަށާއި، މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުތެރޭގައި ފަށައި، ސޮއިކުރެވުނު ގޮތަށް، މި ދައުރު ތެރޭގައި އެ މަސައްކަތް ނިންމަވާނެ ކަމަށެވެ. މީގެ އިތުރުން، ބ. ތުޅާދޫއަށް ވަޑައިގެން ރައީސް ވަނީ، ‏އެެރަށުގައި، މާ ލަސްތަކެއްނުވެ، އިތުރު 100 ހައުސިންގް ޔުނިޓުގެ މަޝްރޫޢު ފަށައިދޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް، ދެން ވަޑައިގެންނެވީ ބ. ގޮއިދޫއަށެވެ. ރައީސް ވިދާޅުވީ، ‏ރަށަށް ބޭނުންވާ ފެންވަރުގެ ބަނދަރެއް ހެދުން އެއީ އެމަނިކުފާނު ގޮއިދޫ ރައްޔިތުންނަށް ވީ އެއް ވައުދުފުޅު ކަމަށާއި، ކުރިއަށް އޮތް މަސްދުވަސްތެރޭގައި ޓެންޑަރިން ޕްރޮސެސް ކުރިއަށް ގެންގޮސް، މިއަހަރު ތެރޭގައި އަމަލީ ގޮތުން އެމަސައްކަތް ފަށައިދޭނެ ކަމަށެވެ. ބ. ފެހެންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ، ‏އެރަށުގައި ފެށިފައި އޮތް ފެނާއި ނަރުދަމާގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އާއެކީގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި، އެމް.ޑަބްލިޔު.އެސް.ސީ އިން މިހާރު ތަކެތި ގެނެސް މަސައްކަތް ފެށުމުގެ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބ. ފުޅަދޫ ރައްޔިތުންގެ އަރިހުގައި ރައީސް ވިދާޅުވީ، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެކި އެކި ކަންކަމަށް ބަލާއިރު ފެނާއި ނަރުދަމާގެ މަޝްރޫއު އަވަހަށް ނިމުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިހާރު އެމް.ޑަބްލިއު.އެސް.ސީ އާ އެކީގައި އެގްރީމެންޓް ހެދި، ތަކެތި ގެނެވި، އަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި ކަމަށް ވިދާޅުވަމުން، މި މަސައްކަތް ފަށައި ވަރަށް އިސްކަމެއް ދީގެން ބާރުމިނުގައި ކުރިއަށް ގެންގޮސް ނިންމާނެ މަޝްރޫޢެއް ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އެރުވިއެވެ.