މުޖުތަމައު ގުޅިގެން ޒުވާނުން ބާރުވެރިކުރުވަން މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި

411851_25610309-a_

މުޖުތަމައު ގުޅިގެން ޒުވާނުން ބާރުވެރިކުރުވަން މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި

SHARE

މުޖުތަމައު ގުޅިގެން ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތްކޮށްދެއްވުމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރަސްމީ 'އެކްސް' އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޒުވާނުންގެ އުފެއްދުންތެރި ހުނަރުތައް ކުރިއަރުވައި، ޒުވާނުންގެ މުސްތަޤްބަލް ބައްޓަންކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމަށް، ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކިބައިން،  އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ޒުވާނުންގެ އަޑުތައް ގަދަވެ، އެކި ސަރަޙައްދުތަކާއި ރަށްރަށުގައި، އެންމެން ޝާމިލުވާ، ނަތީޖާ ހާސިލުވާފަދަ މަޝްވަރާތަކަށް މަގުފަހިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އުމުރަކީ ތަފާތެއް ދެއްކުމަށް އޮތް ހުރަހެއް ނޫންކަން ދިވެހި ޒުވާނުން ސާބިތުކޮށްދެމުން އަންނަކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.

2030 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އާބާދީގެ 57 އިންސައްތައަކީ ޒުވާނުން ކަމަށް އަންދާޒާކޮށްފައިވާއިރު، ނިންމުންތައް ނިންމުމުގެ ދައުރު އަދާކުރުމުގެ ބާރު ޒުވާނުންނަށް ދިނުމުގެ މުހިންމުކަން، އިހުނަށްވުރެ ބޮޑު ވެފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުންގެ ސިޔާސަތުތައް، ފުޅާ ދާއިރާއެއްގައި ތަރައްޤީގެ ޕްލޭންތަކާ ގުޅާލުމާއި، ޕާޓްނަރޝިޕްތައް ބިނާކޮށް، ޚިޔާލުތައް ޙައްލުތަކަށް ބަދަލުކޮށް، ޤައުމީ ކުރިއެރުން ބައްޓަންކުރުމުގައި ޒުވާނުންނަށް ސީދާ ދައުރެއް ހޯދައިދިނުމަށް ފަރުމާކުރެވިފައިވާ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މައްޗަށްވެސް ރައީސްގެ ޕޯސްޓުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

މީގެއިތުރުން، ހުނަރު ތަރައްގީކުރުމާއި މަޝްވަރާކުރުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ "ޒުވާނުންގެ ތަރޑް ސްޕޭސް" އަކީ ޒުވާނުންގެ ދުޅަހެޔޮކަމާއި ޝާމިލު ކުރިއެރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ތަނެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަސީލަތްތައް ތަނަވަސްވެ، ހަރުދަނާ ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކޮށް، ޒުވާން ޢާއިލާތަކަށް ބޯހިޔާވަހިކަމުގައި އިސްކަންދީ، ޒުވާނުންގެ ޚިޔާލުތައް މިހާރަށްވުރެ ބޮޑަށް ގުޅިފައިވާ، ތަނަވަސް މުސްތަޤްބަލަކަށް ބަދަލުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯއްދަވައިދެއްވުމުގައި ސާބިތުކަމާއެކު ދެމިހުންނަވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ޒުވާނުންނަކީ، ބަދަލުގެ އެޖެންޓުންގެ ގޮތުގައި ބަލައިގަނެ، ތަރައްޤީގެ ރޮނގުން ކުރާ މަސައްކަތްތަކުގެ ތަފާތުކަން ފާހަގަކޮށް، އެޒުވާނުންނަށް މަންފާތައް ލިބޭ އެންމެން ޝާމިލުވާ ފަދަ މާޙައުލެއް ޤާއިމުކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައިވެއެވެ.