20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު އިތުރު ހަފުތާއަކަށް ދަންމާލަން ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިހާރު މި ހިނގާ ދައުރު ނިމެން އޮތީ އަންނަ ހުކުރު ދުވަހަށް ކަމަށެވެ. ނަމަވެސް، މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާއެކު، އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ގަސްތުކުރައްވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެހެންވެ، މިއަދުގެ ޖަލްސާގައި ވޯޓަށް އެހި ވަގުތު، ދައުރު ދަންމާލަން ފެނޭތޯ ވަނީ ވޯޓަށް އަހާފައެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 59 މެމްބަރުން ވަނީ ދައުރު ދަންމާލަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ. ނުފެންނަކަމަށް 10 މެމްބަރަކު ވޯޓު ދެއްވިއެވެ.
އިތުރު ހަފުތާއަކަށް ދައުރު ދަންމާލަން ރިޔާސަތުން ހުށައެޅުމުން، އިދިކޮޅު ބައެއް މެމްބަރުން ވަނީ، މިއީ ހުށައަޅާފައިވާ ބިލްތައް "އަވަސް އަރުވާލައިގެން" ނިންމަން ކުރާ ކަމެއްކަމަށް ވިދާޅުވެފައެވެ.
އެކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ، މިއީ ކަންކަން އަވަހަށް ނިންމަން ކުރާ ކަމެއް ނޫންކަމަށެވެ. މިއީ ދޮޅު މަހުގެ ޗުއްޓީއަކަށް މަޖިލިސް ދާތީ، ރައްޔިތުންނާ ގުޅުން ހުރި ކަންކަމަށް ހުއްޓުމެއް އަޔަ ނުދިނުމަށްޓަކައި ކުރާ ކަމެއްކަމަށެވެ.
"އެއީ އެއްވެސް ހާލެއްގައި އަވަސް އަރުވާލައިގެން ކަންތައްތައް ކުރަން ކުރާ ކަމެއް ނޫން، އެހެންނަމަވެސް ރައްޔިތުންގެ މަޖިލިސް މިތަނަށް އަޅުގަނޑުމެން މި ކިޔަނީ. ގާނޫނުގައި ބަޔާންކުރަނީ ރައްޔިތުންގެ މަޖިލީހޭ. އެހެންވީމާ ރައްޔިތުންނާ ގުޅުން ހުރި މަސައްކަތްތަކެއް ކުރަން ހުރީމާ، މަޖިލީހުން އެންމެ ބޮޑަށް އިސްކަން ދޭންޖެހޭނީ ރައްޔިތުންނާ ގުޅުން ހުރި ކަންތައްތަކަށް. އެކަންކަން ނިންމާފަ ޗުއްޓީއަށް ދިއުން އެއީ ރައްޔިތުންނާ މެމްބަރުންނާ ދެމެދު އޮންނަ އިތުބާރު އިތުރަށް ވަރުގަދަވެގެންދަނެކަމެއް." އަބްދުއްރަހީމް
މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމުމަށްޓަކައި ދައުރު ދަންމާލާފައިވެއެވެ.