ސަރުކާރުން ވަކި އާއިލާތަކެއް ހައްޖަށް ފޮނުވަން ކޯޓާ ނަގާ ވާހައަކީ ހަގީގަތާއި ޚިލާފު ވާހަކައެއްކަމަށާއި، ވަކި މީހަކަށް އިސްކަން ދީގެން ފުރުސަތު ދީފައި ނުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ، ކޮންމެ އަހަރަކުވެސް ހައްޖު ކިއުގެ ތަރުތީބުން ހައްޖަށް މީހުން ގެންދިއުމަކީ ކޯޕަރޭޝަނުން ކުރަމުންދާ ކަމެއްކަމަށެވެ. އަދި ކިއުއަށް އެއްވެސް ބަދަލެއް ގެނައުމަކީ ކުރާ ކަމެއްނޫންކަމަށެވެ. ބައެއް ފަހަރު، ހައްޖު ގާތް ވެފައިވަނިކޮށް އެއަހަރެއްގައި ހައްޖަށް ދިއުމަށް ކޯޓާ ލިބޭ މީހާ ކޯޓާ ދޫކޮށްލާކަމަށާއި، ވަކި ސަބަބެއް ނެތި ކޯޓާ ދޫކޮށްލާ މީހުން ވެސް އުޅޭކަމަށް ޝަހީމް ވިދާޅުވިއެވެ.
"ސަރުކާރުން ވަކި ޢާއިލާތަކެއް ފޮނުވަން ކޯޓާ ނަގާ ވާހައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް. ނަމަވެސް ޒަމާނުއްސުރެ ރާއްޖޭގައި ދައުލަތުން ރިޒާވްކުރާ ކޯޓާ ތަކެއް ހުރޭ. އެއީ ސަރުކާރުގެ މުއައްސަސާތަކުގެ ބޭނުމަށާއި، އުޒުރުވެރިންނާއި ޚާއްޞަ ޙާލަތްތަށް ދިމާވާ ފަރާތްތަކުގެ ބޭނުމަށް. ނުވަތަ ބަލި މީހުންގެ އެހީތެރިންނަށް. މިގޮތުން ރިޒާވް ކުރެވޭ ކޯޓާ އެފަރާތަށް ޙަވާލުކުރަނީ އޮންނަ ޤަވާޢިދާ އުޞޫލުތަކުގެ ތެރެއިންކަމުގައި ދަންނަވަން. ނުޙައްޤުން އެއްވެސް މީހަކަށް ހައްޖު ކޯޓާ ނުދޭ ކަމުގެ ފުރިހަމަ ޔަޤީންކަން މިޢިއްޒަތްތެރި މަޖީލަށް ކަށަވަރުކޮށްދެން." ވަޒީރު ޑރ. ޝަހީމް
އިންސާފުވެރިކަމާއެކު ހައްޖު ކޯޓާގެ ކަންކަން ތަރުތީބު ކުރުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކަނޑައަޅުއްވާފައިވާ އުސޫލުތައްވެސް ވަޒީރު ހިއްސާކުރައްވާފައި ވެއެވެ.
އެގޮތުން:
- އަލަށް ހައްޖަށް ދާ ފަރާތްތަކަށް އިސްކަން ދިނުން.
- ކޮންމެ 5 އަހަރަކުން ނޫނީ ތަކުރާރުކޮށް ކޯޓާ ނުދިނުން.
- އުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި އިންސައްތައެއް ކޮންމެ އަހަރަކު ކަނޑައެޅުން
- ހައްޖުގެ ޢާމިލުންނާއި ޚިދުމަތްތެރީންނާއި ޞިއްޙީ މާހިރުން މިކަންކަމުން އިސްތިސްނާވުން.
ޑރ. ޝަހީމް ވިދާޅުވީ، މި ބަދަލުތައް ރައީސް ގެންނަވާފައިވަނީ އިސްލާމީ ދުނިޔޭގައި މިކަމުގައި އަމަލު ކުރަމުންދާ ގޮތްތައް ބައްލަވައި ދިރާސާކުރެއްވުމަށްފަހުކަމަށާއި، މި ކަންކަން ތަންފީޒުވެގެންދާނީ 1447 ވަނަ އަހަރުގެ ޙައްޖުގައިކަމަށެވެ.
މި ބަދަލުގެ ސަބަބުން ކިއު ތަރުތީބު ކުރުމުގައި އުމުރުން އެންމެ ދުވަސްވީ މީހުންނާއި އަލަށް ހައްޖަށް ދާ މީހުންނަށް އަބަދުވެސް އިސްކަމެއް ދެވެމުންދާނެކަމަށް ވަޒީރުު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ޙައްޖު ކިޔު އަށް ބަލާއިރު ކޮންމެ އަހަރެއްގައިވެސް އެ އަހަރަކު ޙައްޖަށް ދެވޭނެކަމަށް ލިސްޓުކުރެވިފައިވަނީ 800 އާއި 900 އާ ދެމެދުގެ އަދަދެއްކަމަށެވެ. މީގެ އިތުރުން އެ އަހަރެއްގެ ޙައްޖު ކޯޓާގެ ތެރެއިން ފުރުސަތު ދެވެނީ ހައްޖުވެރީންނަށް އެހީތެރިވުމަށް ކުންފުނީގެ ފަރާތުން ގެންދާ އެހީތެރީންނާއި އުމުރުން ދުވަސްވީ ހައްޖުވެރިންނަށް އެހީތެރިވުމަށް އެމީހުންނާއެކު ހައްޖަށްދާ އެހީތެރިންކަމަށެވެ.
އެގޮތުން ބަލާއިރު ހައްޖު ކިޔު ތަރުތީބުން 1446 ވަނަ އަހަރު ޙައްޖަށް ދިއުމަށް ރަޖިސްޓްރީކޮށްފައިވާ 850 ޙައްޖުވެރިންނަށް، 1446 ވަނަ އަހަރުގެ ހައްޖު ކިއުގެ ތެރެއިން ޙައްޖަށް ދިއުމުގެ ފުރުސަތު ދެވުނުކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އުމުރުން 75 އަހަރުން މަތީގެ ފަރާތްތަކަކީ އެކަނިއުޅެން އުނދަގޫ ވާނެ ފަރާތްތަކަށްވާތީ، އެފަރާތްތަކަށް އެހީތެރިއަކާއި ނުލައި ދަތުރު ނުކުރެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ "ޙައްޖު އަދި އުމްރާގެ ޚިދުމަތް ދިނުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާތީ، ކިޔު އިން ފުރުސަތު ލިބުނު 75 އަހަރުން މަތީގެ 44 ފަރާތަށް އެހީތެރިން ގެންދިއުމުގެ ފުރުސަތު ދިނުމަށް ނިންމިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"1446 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ލިބުނު 1000 ކޯޓާގެ ތެރެއިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ކިޔު އިން 1446ވަނަ އަހަރު 850 މީހުނަށް ފުރުސަތު ދެވިފައިވޭ. އަދި 50 ޖާގަ ޚާއްޞަކޮށްފައިވާނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ފަޤީރުންގެ ތެރެއިން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ގެންދިޔަ މީހުންނަށް ކަމުގައި ދަންނަވަން." ޑރ. ޝަހީމް
ވަޒީރު ވިދާޅުވީ، ބާކީ 100 ޖާގަ ދޫކޮށްފައިވާނީ ބަލި މީހުންގެ އެހީތެރިންނަށާއި ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ، އަދި އަވަސް ފުރުސަތެއްގައި ޖާގަ ނުލިބިއްޖެނަމަ އެމީހުންގެ އުމުރުގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ އުއްމީދު ކުޑަވުމުގެ ސަބަބުން ފުރުސަތު އަވަސްކޮށްދިނުމަށް އެދިފައިވާ ފަރާތްތަކާއި މި ފަދަ ހާއްސަ ހާލަތުގައިވާ މީހުންނަށްކަމަށެވެ.