އޭޕްރިލް މަހު ހެންވޭރު މިޓާޒް ގޭ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތް މައްސަލާގެ ތަހުގީގަށް އޭނާގެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުން ބުނެފި އެވެ.
މި ހާދިސާ އަށް 4 މަސް ވާއިރު، އެ ރޭ ޔުމްނު އަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ސަރުކާރާއި، އާންމުންގެ އެހީގައި ޔުމްނު ވަނީ މެލޭޝިއާ އަށް ފޮނުވާފަ އެވެ.
މި މައްސަލާގެ ތަހުގީގަށް ޔުމްނުގެ ބަޔާން ހޯދަން މަސައްކަތް ކުރި ނަމަވެސް ބަޔާން ލިބިފައި ނުވާ ކަމަށް ފުލުހުން މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ. އޭރު ޔުމްނު ވަނީ ހޮސްޕިޓަލުން ވެސް ދޫކޮށްލާފަ އެވެ. ފުލުހުން ބުނީ ބަޔާން ނެގުމަށް ކުރި މަސައްކަތުގައި އާއިލާގެ އެއްބާރުލުން ނުލިބޭ ކަމަށާއި، ބަޔާން ނުނެގި ލަސްވަނީ އެހެންވެ ކަމަށެވެ. އަދި އޭރު އެ މަސައްކަތަށް މެލޭޝިއާއަށް ވެސް ފުލުހުން ގޮސް، އެ ގައުމުގެ ފުލުހުންނާއި އެކު މަސައްކަތް ކޮށްފައިވެ އެވެ.
ފުލުހުންގެ އެ ބަޔާނާއި އެކު ޔުމްނު އާއިލާއިން ވަނީ ޔުމްނު ގެއަށް ދޫކޮށްލާފައިވީ ނަމަވެސް، ބަޔާން ދެވޭ ވަރު ނުވާ ކަމަށް ބުނެ އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.
އެކަމަކު މި މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ވެސް ޔުމްނުގެ ބަޔާން ހިމެނިފައިނުވަނީ އާއިލާއިން އެއްބާރުލުން ނުދީގެންކަން ހާމަކޮށްފައިވެ އެވެ. އެގޮތުން އެކި ފަހަރު މަތިން ފޯނުން ގުޅުމާއި، ސިޓީ ފޮނުވައިގެން ވެސް ޖަވާބެއް ނުލިބުމުގެ އިތުރަށް އާއިލާގެ އެއް ބޭފުޅަކު އެއްބާރުލުން ދިނުމަށް ސީދާ އުންކާރުކޮށް ދެން ނުގުޅަން އެދިފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއަށް ފަހު ޒުވާނުން ނިކުމެ އޭނާ އަށް އިންސާފު ހޯދައިދޭން މުޒާހަރާ ކުރި އިރު ސޯޝަލް މީޑިއާގައި އާއިލާގެ އަޑު ވެސް އިންތިހާއަށް ގަދަވި އެވެ. އެކަމަކު އާއިލާއިން ދޮގު ހަދާ ކަމުގެ ތުހުމަތާއި އެކު ޒުވާނުންގެ މުޒާހަރާ ހުއްޓުނު އިރު، ކޮމިޝަނުގެ ރިޕޯޓަށް ފަހު އާއިލާއިން ވެސް ސޯޝަލް މީޑިއާގައި ޔުމްނުގެ މައްސަލައާ ގުޅޭ ވާހަކަ ދެއްކުން ވަނީ ހުއްޓާޅާފަ އެވެ.
މި މައްސަލާގައި ޔުމްނު އާއި އެކު ވެއްޓުނު ރޭ އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލު އެކި ފަހަރު މަތިން ބަންދުގައި ބަހައްޓައިގެން ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާކުރުމަށް ވެސް ވަނީ ފޮނުވާފަ އެވެ. ރިޔާސީ ކޮމިޝަނުގެ ބަޔާނުގައިވާ ގޮތުން ރައުދު އޭނާ އަށް ގަސްތުގައި އަނިޔާއެއް ދިން ކަމަކަށް ނުބެލެވެ އެވެ. ފުލުހުންގެ ތަހުގީގަށް ފަހު ވެސް ރައުދުގެ މައްޗަށް ގަސްތުގައި މީހަކަށް އަނިޔާއެއް ދިނުމާ ގުޅޭ ދައުވާއެއް އުފުލާފައެއް ނުވެ އެވެ.
ކޮމިޝަނުގެ ރިޕޯޓުގައިވާގޮތުން އެކަމުގައި އިތުރު ބައެއްގެ އަތެއް ވާ ކަމަކަށް ވެސް ނުބެލެވެ އެވެ.