މިދިޔަ އޭޕްރިލް މަހު ހެންވޭރު މިޓާޒްގޭ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލާގެ ތަހުގީގާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރ އަލީ އިހުސާނާއި ސުވާލުކުރަން ހުށަހަޅައިފި އެވެ.
ލިޔުމުން ޖަވާބު ހޯދުމަށް އެދި މިނިސްޓަރާ ދެ ސުވާލެއް ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މި މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. އަދި ކޮމިޝަނުގެ މަސައްކަތް ނިންމާ ރިޕޯޓު އަންމުކުރިތާ ވެސް މިހާރު ވަނީ މަސްދުވަސް ފާއިތުވެފަ އެވެ. އެ ރިޕޯޓުގައި ބައެއް ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ޖެހޭ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެހެންވެ މެމްބަރު ކުޑޫ ހުށަހަޅުއްވާފައި ވަނީ ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މައްޗަށް ފުލުހުން ތަހުގީގެއް ކުރަމުންދޭތޯ ބެލުމަށާއި، ތަހުގީގު ގޮސްފައިވާ ހިސާބު ބެލުމަށެވެ.
މި ހާދިސާއާ ގުޅިގެން ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި، މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއް ހުރިކަން ފާހަގަކޮށްފައިވެ އެވެ. މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފުލުހުންގެ އެސްއޯޕީތައް މުރާޖައާކޮށް، މުވައްޒަފުން އަހުލުވެރިކޮށް ތަމްރީން ދިނުމަށް ރައީސް ވަނީ އަންގަވާފަ އެވެ. އަދި އެ ހާދިސާގައި ފަރުވާ ކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި އެ މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމަށް ވެސް އަންގާފައިވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއަށް 4 މަސް ފުރެން ކައިރިވެފައިވާއިރު، މި ހާދިސާގެ ތަހުގީގަށް އަދިވެސް ޔުމްނުގެ ބަޔާން ނެގިފައިނުވާކަން ފުލުހުން މިއަދު ހާމަކޮށްފައިވެ އެވެ. އަދި ބަޔާން ނެގުމުގައި ދަތިތައް ހުރީ ޔުމްނުގެ އާއިލާގެ ފަރާތުން އެކަމަށް އެއްބާރުލުން ނުދޭތީ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ރިޔާސީ ކޮމިޝަނުން މި މައްސަލަ ތަހުގީގު ކުރި އިރު ވެސް ޔުމްނުގެ އާއިލާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާކަން ކޮމިޝަނުގެ ރިޕޯޓުގައި ވެސް ހިމަނާފައިވެ އެވެ.