ކައުންސިލްތަކުގެ ޚަރަދު ބެލެހެއްޓުން ހަރުދަނާކުރަން ގެނައި އިސްލާހު ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް----
ރައްޔިތުންގެ މަޖިލިސް----

ކައުންސިލްތަކުގެ ޚަރަދު ބެލެހެއްޓުން ހަރުދަނާކުރަން ގެނައި އިސްލާހު ފާސްކޮށްފި

SHARE

ކައުންސިލްތަކުގެ މާލީ ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާޙުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ބިލް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 51 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން އެވެ.

މި ބިލުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކެއް ކަނޑައަޅުމާއި، ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓް ދިނުމުގެ އުސޫލް މުރާޖަޢާކުރުން ވަނީ ހިމަނާފަ އެވެ. މީގެ އިތުރަށް ކައުންސިލުގެ އުމުރުގެ ފަހު އަހަރު މާލީ ކަންކަން ނިންމުމުގެ އުސޫލުތަށްވެސް މި ބިލުގައިވަނީ ބަޔާންކޮށްފަ އެވެ.

ހަމަ މިއާއި އެކު މީގެ އިތުރުން ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ކައުންސިލްތަކުގެ ދަށުން އޮންނަ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް އެ ރަށެއް ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ލޯކަލް އޮތޯރިޓީ ކުންފުނިން ހިންގައިގެން ނުވާނެ ކަމަށް އެ ބިލުގައިވެ އެވެ.

މީގެ އިތުރުން ކައުންސިލުގެ ދައުރުގެ ފަހު އަހަރު، ކައުންސިލުން އެކައަޅާފައިވާ ތަރައްގީގެ ޕްލޭންގައި ނުހިމެނޭ ކަންކަން ނުފެށުމަށާއި، މުވައްޒަފުން ނެގުމާއި ބިމާއި ފަޅު އަދި ފަރު ސަރަހައްދު ކުއްޔަށް ދިނުމުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލަކުން އެކަންކަން ކުރިއަށް ގެންދިއުމަށް ޤާނޫނުގައި ހިމަނާފައިވެ އެވެ.

ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.