ސްކޮލާޝިޕްއާއި، ސްޓުޑެންޓް ލޯން ސްކީމްތަކުގެ ދަށުން، ބޭރުގަ ކިޔަވާ ދަރިވަރުންނަށް ސަރުކާރުން 1.7 ބިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފި އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، 2024 އާއި 2025 އާ ދެމެދު މަތީ ތައުލީމާއި ތަމްރީނަށް ބޭނުންވާ ފައިސާ ފޯރުކޮށްދީފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ސްކޮލާޝިޕްތަކާއި ސްޓޫޑެންޓް ލޯން ފެސިލިޓީތައް މެދުވެރިކޮށެވެ. އެގޮތުން، ސްކޮލާޝިޕް ސްކީމްގެ ދަށުން ސަރުކާރުން މިހާތަނަށް ވަނީ ޖުމްލަ 471 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މި ސްކީމްގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު 602 ދަރިވަރަކަށް ވަނީ ލިބިފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 388 އަންހެން ދަރިވަރުންނާއި 214 ފިރިހެން ދަރިވަރުންނެވެ.
މީގެއިތުރުން، ސްޓޫޑެންޓް ލޯނަށް ސަރުކާރުން ވަނީ 1.25 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މި ލޯނު ސްކީމްގެ ދަށުން ޖުމްލަ 1،740 ދަރިވަރަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 1،072 އަންހެން ދަރިވަރުންނާއި 668 ފިރިހެން ދަރިވަރުންނެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސްކޮލާޝިޕާއި ލޯނުގެ ދަށުން ޖުމްލަ 2،342 ދަރިވަރަކު މިހާތަނަށް ވަނީ ބޭރަށް ކިޔަވަން ގޮސްފަ އެވެ. މީގެ ތެރެއިން ގިނައީ އަންހެން ދަރިވަރުންނެވެ. އެއީ ޖުމްލަ 1،460 ދަރިވަރުންނެވެ. މި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، މި ސަރުކާރުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ދަރިވަރުންނަށް ގިނަ ފުރުސަތުތަކެއް ވަނީ ފަހިކޮށްދީފަ އެވެ.
ބޭރުގައި ކިޔަވާ ދަރިވަރުންގެ އިތުރުން، ސަރުކާރުން ވަނީ ފްރީ ޑިގްރީ ސްކީމްގެ ދަށުންވެސް ބޮޑު ހަރަދެއް ކޮށްފަ އެވެ. އެގޮތުން، ފްރީ ޑިގްރީ ސްކީމަށް ވަނީ، 301.67 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މީގެތެރޭގައި 8680 ދަރިވަރުން ހިމެނެ އެވެ. އެއީ 5486 އަންހެން ދަރިވަރުންނާއި 3194 ފިރިހެން ދަރިވަރުން ހިމެނެ އެވެ.