ޒަކާތު ފަންޑުގެ ޚަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް މި މަހު 7 ކުދިން ފުރަން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން ބޭސްފަރުވާ އަށް ފޮނުވުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގަ އެވެ. އެކަމަށްޓަކާ މިދިޔަ އަހަރު ވެސް 10 ކުދިން ފޮނުވާފައިވެ އެވެ.
ބޯން މެރޯ ހެދުމަށް މި އަހަރު ފޮނުވަން ނިންމާފައިވާ 10 ކުދިންގެ ތެރެއިން 3 ކުދިން ވަނީ މިދިޔަ މަހު ފުރުވާފަ އެވެ. އަނެއް 7 ކުދިން މި މަހު ފުރަން ހަމަޖެހިފައިވާއިރު، ހެލްތު މިނިސްޓްރީން ބުނީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް މިއަދު އެ ކުދިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މިބައްދަލުކުރެއްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ އާބާދީއަށް ބަލާއިރު، ތެލެސީމިއާ ކުދިންގެ އަދަދު ގިނަ އިރު، އެ ކުދިންނަށް އެކަށީގެންވާ ބޭސްފަރުވާ އާއި ވަސީލަތްތައް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ތެލެސީމިއާ ސެންޓަރު ރަނގަޅު ފެންވަރުގެ އިމާރާތަކަށް ބަދަލުކޮށް، ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.