ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާ ގުޅޭ ގަރާރު ބަލައިގަތުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

370977_cfaa55c2-d_

ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާ ގުޅޭ ގަރާރު ބަލައިގަތުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

SHARE

ސުލްހަވެރިކަމާއެކު ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާ ގުޅޭ "ނިއުޔޯކް ޑިކްލަރޭޝަން" ބަލައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ނެރުއްވި ހިތާބެއްގައި ވިދާޅުވީ ސައުދީ އަދި ފްރާންސްގެ ރިޔާސަތުގެ ދަށުން އދ. ގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ "ހައި-ލެވެލް އިންޓަނޭޝަނަލް ކޮންފަރަންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެޝަން އޮފް ޕަލަސްތީން އެންޑް ދި އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ- ސްޓޭޓް ސޮލިއުޝަން" ގެ ނަތީޖާ ކަރުދާހުގައި ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ ގުޅޭ ގަރާރު، "ނިއުޔޯކް ޑިކްލެރޭޝަން" ބަލައިގަތުމަކީ ސަރުކާރުން މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ "ނިއުޔޯކް ޑެކްލެރޭޝަން" އަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއް ކަމަށެވެ. އަދި އެއީ، އިސްރާއީލުން ފަލަސްޠީނަށް ކެނޑިނޭޅި ދެމުންދާ ޙަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމުގައްޔާއި، ފަލަސްޠީނުގެ އިޤްތިޞާދީ ޤާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބާރުލުން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް ހިމެނޭހެން، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ގުޅުންހުރި ޤަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްޠީނުގައި މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދެމުންގެންދާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.