މާލޭގެ ނޯތު ހާބަރު މަސްމާރުކޭޓާ ހިސާބަށް އޮންނަ ސަރައްދު ބެލެހެއްޓުން އެމްޕީއެލްގެ ދަށަށް ބަދަލުކޮށްފައިވީ ނަމަވެސް، އެތަނަށް ގާތްކުރާ މަސްދޯނިތައް އަތުން ފީއެއް ނުނަގާނެ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.
ނޯތު ހާބަރު މަސްމާރުކެޓާ ހަމައަށް އުތުރު ބަނދަރު ބޮޑުކޮށް އެ ސަރަހައްދު ހިންގައި ބެލެހެއްޓުމަށް އެމްޕީއެލާ ހަވާލުކޮށްފައިވަނީ ޖުލައި މަހުގެ ކުރީކޮޅުއެވެ. އޭގެ ކުރިން އެތަން ބެލެހެއްޓީ މާލެ ސިޓީ ކައުންސިލުންނެވެ.
ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކަށް އަބަދުވެސް ފީއެއް ނަގަ އެވެ. ނޯތު ހާބަރު މަސްމާރުކޭޓާ ހަމައަށް ބޮޑުކުރި ނަމަވެސް މަސްދޯނިފަހަރު އެ އުސޫލުން އިސްތިސްނާ ވާނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ. އަދި އެ ސަރަހައްދުގެ އީ އަދި އެފް ޒޯން ވަނީ މަސްވެރިންނަށް ޚާއްސަކޮށްފަ އެވެ.
މަސް ދޯނިތަކުން ފީ ނުނެގި ނަމަވެސް، އެހެން ދޯނިތަކުން ހަމަ މިހާރު ވެސް ނަގާ ރޭޓުގައި ފީ ނަގާނެ ކަމަށް ބުނެފައިވެ އެވެ. އެ ސަރަހައްދުގެ "އޭ" ޒޯން އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 50 ލާރި ނަގަނެކަމަށާއި "ބީ" ޒޯނުން އަދި "ސީ" ޒޯނުންވެސް އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 1 ރުފިޔާ ނަގާނެކަމަށެވެ.
މަސް ދޯނި ފަހަރަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުގެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ދޭނީ ކިއު ތަރުތީބުންނެވެ.